އެމެރިކާގެ ތާރީހު ދުށް އެންމެ ނުރައްކާ ގާތިލުގެ ގޮތުގައި ސިފަ ކުރަމުން އައި ސެމިއުލް ލިޓްލް މަރުވެއްޖެއެވެ.

އުމުރުން 80 އަހަރުގެ ސެމިއުލް ލިޓްލް މަރުވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

1970 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު 93 މީހަކު މަރާލާފައި ވާނެ ކަމަށް ސެމިއުލް ލިޓްލް ވަނީ އިއުތިރާފު ވެފައެވެ. ކުރިން ބޮކްސިންތަޅަން އުޅުނު ސެމިއުލް ލިޓްލްގެ ޝިކާރައަކަށް ވި މީހުންގެ ތެރޭގައި ގިނައީ ޑްރަގް އެޑިކްޓުންނާއި ހަށިވިއްކާ މީހުންނެވެ.

ސިލްސިލާ ގާތިލު ސެމިއުލް ލިޓްލް(ވ) ޓެކްސަސް ރޭންޖާ ޖޭމްސް ހޯލަންޑްއާއި ވާހަކަދައްކަނީ/ފޮޓޯ: ސީބީއެސް ނިއުސް

އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން މިހާތަނަށް ބެލި ބެލުމުން 50 މީހެއްގެ މަރުގެ މައްސަލާގައި ސެމިއުލް ލިޓްލްގެ ބައިވެރިވުން އޮތްކަން ވަނީ ކަށަވަރު ވެފައެވެ. ދެން ހުރި މައްސަލަތަކަކީވެސް ސައްހަ ކޭސްތަކެއް ކަމަށް އެފްބީއައިއިން ގަބޫލުކުރެއެވެ.

ސެމިއުލް ލިޓްލް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

2014 ވަނަ އަހަރު ޖަލަށް ލީ ސެމިއުލް ލިޓްލް މަރުވިއިރުވެސް އޭނާ ދިޔައީ އުމުރު ދުވަހުގެ 3 ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށް ހަބަރު ލިބެއެވެ.