ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާގެ ދައުލަތުގެ ކުންފުނި ސީނޯފާމްއިން ތަރައްގީ ކުރި ވެކްސިން، އާންމު އުސޫލުން ބޭނުން ކުރުމަށް ރުހުން ދީފައި ވާ ކަން، ޗައިނާގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދަކީ ގޮތް ނޭނގޭ ބަލިމަޑުކަމެއް ޗައިނާގައި ފެތުރެމުން އަންނަ ކަމުގެ ރިޕޯޓްތައް އެ ގައުމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސަމާލުކަމަށް ގެނައިތާ ބަރާބަރު 1 އަހަރު ފުރޭ ދުވަހެވެ. މި ގޮތް ނޭނގޭ ބައްޔަކީ ސިވިއާ އެކިޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކަން މިއަދު އެނގުނު ނަމަވެސް، ވައިރަހުގެ އަސްލު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. އަދި ފަރުވާއެއްވެސް ހޯދިފައެއް ނުވެއެވެ.

މި ބަލިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން، އާންމު އުސޫލުން ބޭނުން ކުރުމަށް ޗައިނާގެ ރެގިއުލޭޓަރުން ހުއްދަ ދީފައި ވާ ވެކްސިނަކީ ސީނޯފާމްގެ ސަބްސިޑަރީއެއް ކަމަށްވާ ބެއިޖީންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސްގެ އުފެއްދުމެކެވެ. މި ވެކްސިނަކީ 79 ކާމިޔާބު ވެކްސިނެއް ކަމަށް، 3 ވަނަ މަރުހަލާގެ ކުލިނިކަލް ޓްރަޔަލްތަކުގެ އިބްތިދާއީ ހޯދުންތަކުން ދައްކާފައި ވާ ކަން ޗައިނާއިން ހާމަ ކުރީ ބުރާސްފަތި ދުވަހުއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިންވެސް ޗައިނާއިން ވަނީ އާންމު އުސޫލުން ވެކްސިން ދިނުމުގެ ބިނަ ކެމްޕޭނެއް ފަށާފައެވެ. އެގޮތުން، ފެބުރުވަރީ މަހުގެ މެދަކާ ހިސާބަށް އަންނައިރު 50 މިލިއަނެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް އެ ގައުމުން ލަފާ ކުރެއެވެ. މި ދުވަސްވަރު ވާނީ، ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބާއަށް އެންމެ ގިނަ ބަޔަކު އެކި މަންޒިލްތަކަށް ދަތުރު ކުރާ ދުވަސްވަރަށެވެ.

ސީނޯފާމްގެ ވެކްސިނަކީ ކޮވިޑް-19އިން ދިފާއުވުމަށް ދުނިޔޭގެ އެހެން މަންޒިލްތަކުގައި ބޭނުން ކުރާ ވެކްސިން ތަކާ އަޅާ ބަލާއިރު، ކާމިޔާބީގެ ރޭޓް ދަށް ވެކްސިނެއް ނަމަވެސް، މިއީ ސިއްހީ ދާއިރާއިން ކަނޑައަޅާފައިވާ 50 ޕަސެންޓްގެ ރޭޓަށްވުރެ މަތީ ދަރަޖައަކުން ފާސްވެފައިވާ ވެކްސިނެކެވެ.

ފައިޒާއާއި މޮޑާނާގެ ވެކްސިންތަކަކީ ގާތްގަނޑަކަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ކޮވިޑް ވެކްސިނަށް 40 އަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ ރުހުން ދީފައެވެ. މޮޑާނާގެ ވެކްސިނަށް އެމެރިކާއިން ރުހުން ދީފައި ވާއިރު، އިތުރު ގައުމުތަކަކުން ދަނީ ޓްރަޔަލް ނަތީޖާ ދިރާސާ ކުރަމުންނެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޝިޕްމަންޓެއް، އެމެރިކާގެ ބޮސްޓަންގައި އިދާރީ ގޮތުން ތަރުތީބު ކުރަނީ / ފޮޓޯ: ރޮއިޓާޒް

ކަން މިހެން އޮތް އިރު ރަޝިއާއިން ވަނީ އެ ގައުމުން ތަރައްގީ ކުރި "ސްޕަޓްނިކް 5" ވެކްސިނަކީ 91 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ބުނެ، އާންމު އުސޫލުން ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭން ފަށާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިނެއް މާކެޓަށް ނެރުމަކީ ޗައިނާގެ ސިޔާސީ އަމާޒެއްވެސްމެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރީކޮޅު ޗައިނާއިން ކަންތައްތަކެއް ފޮރުވި ކަމަށާއި، ބަލީގެ އަސްލަކީވެސް ޗައިނާ ކަމަށް ބުނެ އެ ގައުމަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިއިރު، އެ ލިބުނު ގެއްލުން ފޫބެއްދުމުގެ ހަތިޔާރަކީ ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ވެކްސިނެކެވެ. ކާމިޔާބު ވެކްސިނެއް ތަރައްގީ ކޮށް، މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަކީ ޗައިނާގެ ތަސްވީރަށް އައި ކިލަނބުކަން ފިލުވާލަ ދޭނެ ކަމެއް ކަމަށް ޗައިނާގެ ހުދުމުހުތާރު ލީޑަރު ޝީ ޖީންޕިންގް ވަނީ ސިފަކުރައްވާފައެވެ.