ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ ތޫނު އެއްޗެއްސާ އެކު ދޯންޏަކަށް ބަޔަކު އެރި މައްސަލާގައި ދޯންޏަށް އެރި 26 މީހަކަށް ދައުވާ ކުރުމަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ އެ 26 މީހުންގެ މައްޗަށް އުފުލާފައި ވަނީ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އެމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 16 މީހުންނެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އެހެން ކަމުން އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފުލުހުން އެދުނެވެ.
މި މައްސަލައިގައި ދޯނީގެ ފަޅުވެރިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވާ ގޮތުން، ދޯންޏަށް އެރި މީހުން ހަތިޔާރާއެކު އަރާ ދޯނި އެހީމުންގެ ކޮންޓްރޯލަށް ގެންދިޔައެވެ.
އެމައްސަލަ އާ ގުޅިގެން ފުލުހުން ބުނީ، ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ބަޔަކު އެރި މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ވަށައިގެން ވާ ހުރިހާ ކަމެއްވެސް ތަހުގީގުގެ ތެރެއިން ބެލިން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރި ކުރަން އެންގިފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވެއެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އެރި ދޯންޏަކީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ދޯންޏެވެ. އެ ދޯންޏަށް ތޫނު ހަތިޔާރާ އެކު ބަޔަކު އަރާފައި ވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ.