ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއިން މި ވައިރަހަށް އިންފެކްޓްވި މީހުންގެ ހަގީގީ އަދަދު، މީގެ ކުރިން އެނގިފައި އޮތް މިންވަރަށް ވުރެ 10 ގުނަ އިތުރު ވެދާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

އަދާ ޖެހުނު އިރުވެސް އޭގެ އަސްލު ހޯދިފައި ނުވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮވިޑް-19އަށް ވޫހާންއިން ޕޮޒިޓިވްވި މީހުންގެ ހަގީގީ އަދަދު ގާތްގަނޑަކަށް ބައި މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައި ވަނީ، ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހުގައެވެ.

ކޮވިޑް-19އާ ދެކޮޅަށް އަލަށް ހެދި އެންޓިބޮޑީ ޓެސްޓުގެ ރެކްޕެކްތަކެއް ހިފައިގެން ޣޯޝް ޑިވަލޮޕްމަންޓް ލެބްގައި ޓެކްނީޝަނަކު ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މި ދިރާސާ ކުރިއަށް ގެންދިޔައީ ވޫހާންގައި ދިރިއުޅޭ 34000 ފަރުދެއްގެ ހަށިގަނޑުން ސާމްޕަލް ނަގައިގެންނެވެ. ދިރާސާގެ ހޯދުންތަކަށް ބަލާއިރު، 11 މިލިއަން މީހުންގެ އާބާދީއެއް އޮތް ވޫހާން ސިޓީގައި ކޮވިޑް-19ގެ އެންޓިބޮޑީ ޕާވޭސިވްނަސް ޕޭސް އުޅެނީ 4.43 ޕަސެންޓްގައެވެ.

ވޫހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައި ވާ ގޮތުގައި، އެ ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު، ގާތްގަނޑަށް 50354 އަށް އަރައެވެ.

ވޫހާންގެ ސިއްހީ ހިދުމަތްތެރިއަކު ކޮވިޑް-19ގެ ޓެސްޓު އެޑްމިނިސްޓާ ކުރަން ތައްޔާރުވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ސީޑީސީއިން ބުނީ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ، ކޮވިޑް-19ގެ ފުރަތަމަ ރާޅު ކޮންޓްރޯލް ކުރެވުނުތާ މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

ވޫހާއިން ބޭރުން، ހޫބޭގެ ތަރައްގީ ހިސާބުތަކަށް ބަލާއިރު، އެންޓިބޮޑީ ރޭޓް އުޅެނީ ގާތްގަނޑަކަށް 0.44 ޕަސެންޓްގައެވެ. ހޫބޭއިން ބޭރު ހިސާބުތަކަށް ބަލާއިރު އެންޓިބޮޑީޒް ގެ އަސަރު ފެނިފައި ވަނީ 12000 ބައިވެރިންގެ ތެރެއިން އެންމެ 2 މީހުންގެ ހަށިގަނޑުންކަންވެސް ފާހަގަ ކުރަންޖެހެއެވެ.

ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ އިސް އޮފިޝަލެއް ކަމަށްވާ ޔާޝޯންގް ހުއާންގް ވިދާޅުވީ، ބަލިޖެހިފައިވާ މީހުންގެ އަސްލު އަދަދުތައް ހާމަ ނުވެ އޮތް މައްސަލަ ފާހަގަ ވާ ކަމަށާ، މިކަން މިހެން ދިމާވީ އެ ދުވަސްވަރު ކަން ހިނގާ ދިޔަ ގޮތުން، އެސިމްޓޮމެޓިކް (ބޭރު ފުށުން ބަލީގެ އަލާމާތް ނުފެންނަ) ކޭސްތައް ހަނދާނުން ކައްސާލުމުން ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް (މ)، ވޫހާން ސިޓީގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދާ ޕޭޝަންޓަކާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވަނީ/ފޮޓޯ: ޝީންހުއާ

ނިމިގެން މިދާ 2020 ވަނަ އަހަރުގެ ޖަނަވަރީ އާއި ފެބުރުވަރީ މަހަށް ބަލާއިރު، ހުން އައިސްގެން ސިއްހީ ހިދުމަތް ހޯދުމަށް އެދި ވޫހާންގެ ކުލިނިކުތައް ފުރާލިއެވެ. ސިއްހީ ހިދުމަތްތެރިންގެ ދަތިކަން ކަމާ، ޓެސްޓު ޔުނިތޓްތައް މަދުވެ، ކުލިނިކަލް އެސެސްމަންޓްތަކަށްވެސް އެކަށީގެން ނުވާހާ ގިނައިން ޕޭޝަންޓޫން އައުމުން، ގޭގައި އަމިއްލައަށް އެކަހެރިވެގެން އިނުމަށް އަންގާ، ގެއަށް ފޮނުވާލި މީހުންގެ އަދަދު އިންތިހާއެވެ. ނަތީޖާއަކަށް ވީ، ގޭބިސީތަކަށް ވައިރަސް ފެތުރު، އެ ބަލީގައި މީހުން މަރުވުމެވެ. އަދި ކޮވިޑް-19ގެ ކޭސްތަކުގެ ގޮތުގައި މި ކޭސްތައް ރެކޯޑްވެސް ނުކުރެވުމެވެ.

ހަގީގީ ކޭސް ނަމްބަރު ރިޕޯޓް ނުކުރެވުމުގެ މައްސަލަ އޮތީ ހަމައެކަނި ޗައިނާގައެއް ނޫނެވެ. ކުއްލި ގޮތަކަށް ކުރިމަތިވި ކޮވިޑް-19ގެ ތޫފާނުގައި، އެމެރިކާވެސް އޮތީ ހަމަ ދާދި އެއް ހާލެއްގައެވެ. ދާޑި ފަހުން ހެދި އިތުރު ދިރާސާއަކުން ދެއްކި ގޮތުގައި ނިއުޔޯކްގެ ބޮޑެތި މީހުންގެ އާބާދީގެ ކޮންމެ 7 މީހަކުން 1 އަށް ވަނީ ކޮވިޑް-19 ޖެހިފައި ކަން ހާމަވިއެވެ. މިއީ ރަސްމީ ރެކޯޑްތަކަށް ވުރެ އެތައް ގުނައެއް މަތީ އަދަދެކެވެ.