ސައެންސްގެ ދިރާސާތަކާ ހޯދުންތަކަށް ޖައްވު ތެރެއަށް ފޮނުވާ އެކި އުޅަނދުތަކާ ސެޓެލައިޓްތަކުގެ ސަބަބުން ޖައްވު ތެރޭގައިވެސް ޒާތްޒާތުގެ ކުނި ގިނަވާ މައްސަލަ ބޮޑުވެފައި ވާއިރު، މިކަމަށް ހައްލެއް ހޯދުމަށް ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީއާއި ކުންފުންޏެއް ގުޅިގެން އަމާޒު ހިފައިފިއެވެ.

އަމާޒަކީ، 2023 ވަނަ އަހަރު އަންނައިރު، ލަކުޑިން ސެޓެލައިޓެއް އުފެއްދުމެވެ. މިއީ މިފަދަ ގޮތަކަށް އުފައްދާ ފުރަތަމަ ސެޓެލައިޓެވެ.

ސުމީޓޯމޯ ފޮރެސްޓްރީއިން ބުނީ، ގަސްތައް ހެދި ބޮޑުވަމުން އަންނަ ގޮތާ، ޖައްވު ތެރޭގައި ލަކުޑި ބޭނުން ކުރެވިދާނެ ގޮތްތަކާ ބެހޭ ދިރާސާތައް މިހާރު ފަށާފައި ވާ ކަމަށެވެ. އެގޮތުން، ތަފާތު އެކި މާހައުލުތަކުގައި ލަކުޑިއަށް ކުރާ އަސަރު ދިރާސާ ކުރުމުގެ މަސައްކަތް، ވަރަށް އަވަހަށް ފަށާނެ ކަމަށް ހަބަރު ލިބެއެވެ.

ނާސާއިން 2022 ވަނަ އަހަރު އުދުއްސާލާ ޖައްވީ މިޝަންއެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް

ގިނަ ސެޓެލައިޓްތަކެއް ޖައްވުގެ ތެރެއަށް ލޯންޗްކު ކުރަމުން ދާއިރު، ޖައްވު ތެރޭގައި ކުނި ގިނަ ވާ މައްސަލައަކީ އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ނަމަވެސް ލަކުޑި ސެޓެލައިޓަކީ ނުރައްކާތެރި މާއްދާތަކެއް ބޭނުން ނުކޮށް، އަންދާލެވޭ ސެޓެލައިޓްތަކަކަށް ވާނެއެވެ. އަދި ދުނިޔޭގެ ސަތަހައަށް ކުނިގަނޑުގަނޑުވެސް ނުވެއްޓޭނެ އީޖާދަކަށް މި އީޖާދު ވާނެ ކަމަށް ބެލެވެއެވެ.

ކިޔޯޓޯ ޔުނިވާސިޓީގެ ޕްރޮފެސާ އަދި އެސްޓްރޮނޯޓް ޓާކާއޯ ޑޯއީ ވަނީ މިހާރު ސެޓެލައިޓްތައް އޮޕަރޭޓް ކުރަމުން އަންނަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިހާރު އަމަލު ކުރަމުން އަންނަ ގޮތުން ވައިގެ ފަށަލައިގެ ތެރޭގައި ކުނިބުނި ހަރުކާ ގޮތްވެ، ތިމާވެއްޓަށް އެކަމުގެ އަސަރު ފޯރާނެ ކަމަށް ޕްރޮފެސާ ޓަކާއޯ ވިދާޅުވިއެވެ.

ލަކުޑި ސެޓެލައިޓް އުފެއްދުމަށް ޖަޕާނުން ހިފަފައިވާ އަމާޒު ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސުމިޓޯމޯ ފޮރެސްޓްރީ

އިންގިލާބީ މަޝްރޫއާއެކު މިކަމަށް ހައްލު ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ. ޕްރޮފެސާ ޓަކާއޯ ވިދާޅުވީ ކުރިއަށް އޮތީ ލަކުޑި ސެޓެލައިޓްގެ އިންޖިނޭރިންގް މޮޑެލް ފަރުމާ ކުރުމުގެ މަރުހަލާއެވެ. އެއަށްފަހު ފްލައިޓް މޮޑެލް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޕްރޮފެސާ ޓަކާއޯވަނީ ޖައްވީ ފަޅުވެރިއެއްގެ ގޮތުގައި، 2008 ވަނަ އަހަރުގެ މާޗް މަހު، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އަށް ދަތުރެއް ކުރައްވާފައެވެ. މި މިޝަންގައި އޭނާ ވަނީ، ޖައްވު ތެރޭގައި ފުރަތަމަ ފަހަރަށް ބޫމަރޭންގެއް އެއްލި މީހާގެ ޝަރަފު ހޯދާފައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް)ގެ ރެކޯޑްތަކަށް ބަލާއިރު، ދުނިޔެ ވަށައިގެން 6000 އެއްހާ ސެޓެލައިޓެއް ބުރުޖަހަމުން ދެއެވެ. މީގެ ތެރެއިން 60 ޕަސެންޓަކީ މިހާރު އެއްވެސް ކަމަކަށް ބޭނުން ނުކުރާ (ކުނިބުނީގެ ގޮތުގައި ބަލާ) ސެޓެލައިޓްތަކެކެވެ.

އެމެރިކާގެ ޖައްވީ އިދާރާގެ ތާރީހީ ދަތުރުގެ ކާމިޔާބު ފެށުމާއެކު ސްޕޭސް އެކްސް ކުންފުނީގެ ބާނީ އަދި މަހުޖަނު އީލޯން މަސްކް (މ) އުފާފާޅުކުރަނީ/ފޮޓޯ: އާކައިޑް

ދިރާސާ ކުންފުނި، ޔޫރޯކޮންސަލްޓުން ލަފާ ކުރާ ގޮތުގައި މި ޑިކޭޑް (10 އަހަރުގެ މުހުލަތު)ގެ ތެރޭގައި، ކޮންމެ އަހަރަކުވެސް 990 ސެޓެލައިޓެއް ޖައްވު ތެރެއަށް ފޮނުވާލާނެއެވެ. އެހެން ކަމަށް ވާ ނަމަ، 2028 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އޯބިޓްގައި، 15000 އެއްހާ ސެޓެލައިޓް ދަތުރު ކުރާނެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަހުޖަނު، އީލޯން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން އެކަނިވެސް 900 އެއްހާ ސެޓެލައިޓް މިހާރު ވަނީ ޖައްވަށް ފޮނުވާފައެވެ. އެ ކުންފުނިން ދަނީ އަދި އިތުރު އެތައް ހާސް ސެޓެލައިޓެއް ޖައްވު ތެރެއަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންނެވެ.

ޖައްވު ތެރޭގައި ހުންނަ ކުނިބުންޏަކީ އިންތިހާ ހަލުވި ދުވެއްޔެއްގައި ދަތުރު ކުރަމުންދާ ތަކެއްޗެވެ. މި ތަކެތި ދަތުރު ކުރަމުން ދަނީ ގަޑިއަކު 22300 މޭލަށްވުރެވެސް ބާރު ދުވެއްޔެއްގައި ކަމަށް ވާއިރު، މިއިން އެއްޗަކުން ޖެހޭ އެއްޗަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮވެއެވެ.

2006 ވަނަ އަހަރު އައިއެސްއެސްގައި މީގެ ކުޑަކުޑަ ކުނި ކޮޅަކުން ޖެހި، އިންތިހާއަށް ވަރުގަދަ ކުޑަ ދޮރަކަށް ގެއްލުންވިއެވެ.