ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ މައިގަނޑު ބޮޑެތި މަޝްރޫއުތައް އެހީތެރިވެދީ ރާއްޖޭގެ ތަރައްގީގައި ޖަޕާނުން އަދާކުރާ މުހިންމު ރޯލު ޝުކުރުވެރިކަމާއެކު ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ކޮވިޑް-19ގެ އާއި ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެއިޑްގެ ގޮތުގައި ޖަޕާނުން 5 ބިލިޔަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާތީ އެކަން ވަރަށް ޝުކުރުވެރިކަމާއެކު ރައީސް ފާހަގަކުރެއްވިއެވެ. މިއީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި މިހާތަނަށް މިގޮތަށް ޖަޕާނުން ރާއްޖެއަށް ދީފައިވާ އެންމެ ބޮޑު އަދަދު ކަމަށާއި މިއީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަގައި ޖަޕާނުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޒުވާނުނަށް ވޮކޭޝަނަލް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމާއި ސިއްހީ ދާއިރާ ކުރިއެރުވުމަށާއި އަދި ސަލާމަތާބެހޭ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ގައުމީ ދިވެހި ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީތަކާ އެއްގޮތަށް ލާމަރުކަޒުކޮށް ރަށް ފުށުގެ ތަރައްގީ ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުފައެވެ.
ރައީސްއާ ޖަޕާނުގެ ސަފީރު މި ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެގައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެ ކުރިޔަށް ދިއުމަށް އެދިވަޑައިގަންނަވަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.