މިސްރުގެ ވެރިރަށް ގާހިރާގެ އުތުރުގައި އަޅާފައިވާ ކޮރޯނާވައިރަސް ހޮސްޕިޓަލް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 7 މީހުން މަރުވެ، އިތުރު 5 މީހަކު ޒަހަމްވެއްޖެއެވެ.

ހިސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ހޯދަމުންދިޔަ 7 ޕޭޝަންޓެއް ކަމަށާ، ޒަހަމްވީވެސް މި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ 5 ޕޭޝަންޓެއް ކަމަށް ހަބަރު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ހޯދިފައެއް ނުވެއެވެ. މިއީ ކިހިނެއް ފެތުރުނު އަލިފާންގަނޑެއްތޯ ބެލުމުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ހޮނިހިރު ދުވަހުގެ މި ހާދިސާގައި ރޯވި އަލިފާންގަނޑު، ގަޑިއެއް ހާއިރުގެ ތެރޭގައި ކޮންޓްރޯލް ކުރެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

މިސްރުގެ ކޮވިޑް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބަޔަކު މަރުވެފައި މިވަނީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެ ގައުމުންވެސް ތަކުލީފުތަކެއް އުފުލަމުން ދާ ދަނޑިވަޅެއްގައެވެ. ޕޭޝަންޓުންގެ އަދުދު އިތުރުވެ، ހޮސްޕިޓަލުތަކަށް ވަނީ ޖާގައިގެ ދަތިކަންވެސް އިންތިހާއަށް ކުރިމަތިވެފައެވެ.

މިސްރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 130126 އަށް އަރާފައި ވާއިރު، މި ބަލީގައި އެ ގައުމުން 7309 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މިއީ މިސްރުގެ ކޮވިޑް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި 2 ވަނަ ފަހަރެވެ. މިއަހަރުގެ ޖޫން މަހު އިސްކަންދަރިއްޔާގެ ފެސިލިޓީއެއްގައިވެސް މިފަދަ ހާދިސާއެއް ހިނގާ، 7 ޕޭޝަންޓެއްގެ ފުރާނަ ގެއްލި، އިތުރު 7 މީހަކު ވަނީ ޒަހަމްވެފައެވެ.