ޖިނާއީ ބޮޑެތި ކުށްތައް ކުރާނަމަ އެ ކުށުގެ ޒިންމާ ނަގަން ޖެހޭ އެންމެ ހަގު އުމުރަކީ 12 އަހަރު ކަމުގައި، ހުދުމުހުތާރު ކޮމިއުނިސްޓް ވެރިކަމެއް ކުރަމުން އަންނަ، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގް ކޮމިޓީއިން ކަނޑައަޅައިފިއެވެ.

ސްޓޭންޑިންގް ކޮމިޓީއިން މި ނިންމުން ނިންމާފައި ވަނީ 3 ފަހަރެއްގެ މަތިން މުރާޖާ ކުރުމަށް ފަހުގައި ކަމަށް ހަބަރު ލިބެއެވެ.

މީހުން މެރުން ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ 12 އަހަރުގައި ކަމުގައި ކަނޑައަޅާފައި ވާއިރު، މިކަން ތަންފީޒު ކުރަން ފަށާނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ބިޑިއަޅުވާފައިވާ ކުއްޖެއް ރަމްޒު ކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ޑެއިލީ ސަބާހް

ޗައިނާ ޑެއިލީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު ކުދިންނަކީ، އަނިޔާގެ ސަބަބުން މަރަށް މަގުފަހި ކުރާ ނުވަތަ ނުކުޅެދުންތެރިކަމަށް މަގު ފަހި ކުރާ އަނިޔާ ދޭ ބަޔަކަށް ވެއްޖެނަމަ އެ ކުށުގެ ޒިންމާ އެކުދިން އުފުލަންޖެހޭނެ ކަމަށެވެ.

އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަކީ ގަސްތުގައި ހިންގާ ޖިނާއި ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭ ކުދިންނެވެ. މި ފަދަ ކުށްތަކުގެ ތެރޭގައި ގަސްތުގައި މީހުން މެރުމާއި ރޭޕް ކުރުން ހިމެނެއެވެ. ޖިނާއީ ކުށުގެ ގޮތުގައި ބަލާ ގިނަ ކުށްތަކަށް ޗައިނާގައި ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.

މީގެ އިތުރުން ޗައިނާވަނީ ޖިނާއީ ކުށުގެ ގާނޫނަށް އިތުރު އިސްލާހުތަކެއްވެސް ގެނެސްފައެވެ. އެގޮތުން، ހިއްސާގެ ބާޒާރާއި ވިޔަފާރީގެ މައިދާނުގައި ހިންގާ ޖަރީމާތަކަށް އިއްވާ ޖަލު ހުކުމްތަކުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. މި ބަދަލަށްވެސް އަމަލު ކުރަން ފަށާނީ މާޗް 1 ވަނަ ދުވަހުއެވެ.