މީގެ 2000 އެއްހާ އަހަރު ކުރިން ވެސުވިއަސް އަލިފާންފަރުބަދަ ގޮވާ، އަޅިތަކުގެ އަޑީގައި ގަރަގުވި ޕޮމްޕޭގައި ހިންގި "ފާސްޓްފުޑް" އައުޓްލެޓެއް 2021 ވަނަ އަހަރު އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

މި އައުޓްލެޓް އާންމުކޮށް ހުޅުވާލަނީ ހަމައެކަނި ބަލާލުމަށެވެ.

ތަފާތު އެކި ކުލަތައް އަދިވެސް ފާޅުވާން ހުރި މި އައުޓްލެޓަކީ 2019 ވަނަ އަހަރު ފެނުނު ތަނެއް ނަމަވެސް، މި ތަނުގެ މަންޒަރުތައް އާންމު ކޮށްފައި ވަނީ ހޮނިހިރު ދުވަހުއެވެ.

މި ސަރަހައްދުން ފެންނަން ހުރި ބައެއް ކުރެހުންތަކަކީ، އެ ފާސްޓްފުޓް އައުޓްލެޓުގައި ލިބެން ހުރި ބައެއް ސަމާނު ކަމަށް ބުނެވެއެވެ. އޭގެ ތެރޭގައި ކުކުޅާއި އަސްދޫނި މަހުގެ އުފެއްދުންތައް ހިމެނެއެވެ.

ޕޮމްޕޭއިން ފެނުނު ފާސްޓް-ފުޑް އައުޓްލެޓް / ފޮޓޯ: ރޮއިޓާޒް

މީގެ އިތުރުން، އޫރުމަހާއި، ކަނޑުމަހާ، ސްނެއިލް (ފިނިހަކަ) ގެ އަސަރު، މި އައުޓްލެޓުގައި ހުރި ބައެއް ޖާޑިތަކުން ފެނިފައިވެއެވެ.

ޕޮމްޕޭ އާކިއޮލޮޖިކަލް ޕާކްގެ ޑައިރެކްޓާ މަސީމޯ އޮސާނާ ވިދާޅުވީ، މިއީ އާދަޔާ ހިލާފު ހޯދުމެއް ކަމަށެވެ. މިއީ މިފަދަ ތަނެއް އެކަތި ގަނޑަކަށް އޮއްވާ ފެނި، ހާމަ ކުރާ ފުރަތަމަ ފަހަރު ކަމަށްވެސް އޮސާނާ ވިދާޅުވިއެވެ.

ޕޮމްޕޭ ސިޓީގެ 3 ބައިކުޅަ 1 ބައި އަދި އޮތީ ނުފެނިއެވެ. ހޯދަމުން ދާ ވަރަކަށް، ތަފާތު އެކި ގޮތް ގޮތުން އާޝޯހް ކުރަނިވި މަންޒަރުތައް ފެނެއެވެ.

އިޓަލީގެ ގަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ ރައްޔިތުންނަކީ، އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަދިން އުޅެމުންދިޔަ ރަށެކެވެ. އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިނގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުގައި ހައްދު ފަހަނަޅައިފައިތިބި ބައެކެވެ. މި އާބާދަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައެވެ.

ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ.