ފަތުރުވެރިންގެ ގުރޫޕެއް ގޮވައިގެން ސްރީލަންކާއަށް ދަތުރު ކުރަން ތާވަލުކޮށްފައި އޮތް ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޯޓްގެ ޝެޑިއުލް ދަތުރު، ވަގުތީ ގޮތުން މަޑުޖައްސަލައިފިއެވެ.

ސްރީލަންކާގެ އެއާޕޯޓް އެންޑް އޭޥިއޭޝަން ސާވިސަސް ޗެއާމަން، މޭޖާ ޖެނެރަލް ޖީ އޭ ޗަންދްރާސިރީ ވިދާޅުވީ، ފަތުރުވެރިން ގޮވައިގެން ސްރީލަންކާއަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ރަޝިއާގެ ފްލައިޓް، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފަސްކޮށްފައި ވާ ކަމަށެވެ.

ކުރިން އޮތް ގޮތުން ނަމަ ރަޝިއާގެ ފަތުރުވެރިންނާއެކު އެ ފްލައިޓް ސްރީލަންކާގައި ޖައްސާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު، ބިދޭސީ ފަތުރުވެރިންނަށް ގައުމު ހުޅުވާލުމަށް ސްރީލަންކާއިން ހިންގާ މަޝްރޫއުގެ ތެރެއިން ލަންކާއަށް ޒިޔާރަތް ކުރާ ފުރަތަމަ ގުރޫޕުގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރަން އޮތް ފްލައިޓެވެ.

ސްރީލަންކާ ސަރުކާރުން ކުރިން އިއުލާން ކުރި ގޮތުން ނަމަ އެ ގައުމުގެ ބޯޑަރު ހުޅުވާލަން އޮތީ މިއަދުއެވެ. ނަމަވެސް މިހާރު ހަބަރު ލިބެމުން ދާ ގޮތަށް ބަލާއިރު، ޕައިލެޓް ޕްރޮޖެޓް އުސޫލުން ބޯޑަރު އަލުން ހުޅުވާލުމަށް މަސައްކަތް ކުރަނީ މިމަހުގެ 28 އިން ފަށައިގެންނެވެ. ހޯމަ ދުވަހުން ފަށައިގެން ޖަނަވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ބިދޭސީ ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލުމަށް ލަންކާއިން ދަނީ ތައްޔާރު ވަމުންނެވެ.

މޭޖާ ޖެނެރަލް ޗަންދްރާސިރީ ވިދާޅުވީ، އެއިރޯފްލައިޓްގެ ދަތުރު ފަސްވި ނަމަވެސް، ޔޫކްރައިންގެ ފަތުރުވެރިންގެ ގުރޫޕެއް ގޮވައިގެން އަންނަ ފްލައިޓެއް، ޑިސެމްބަރު 28 ވަނަ ދުވަހު ސްރީލަންކާއަށް އަންނާނެ ކަމަށެވެ.

މި ދަނޑިވަޅަކީ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުން ފާހަގަވެ، އެހެން މަންޒިލްތަކަށްވެސް ފެތުރިފައި ވާ ދަނޑިވަޅަކަށް ވާއިރު، ސްރީލަންކާއިން ވަނީ އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުންނަށް އެގައުމުގެ ބޯޑަރު ބަންދުވާނެ ކަން ހާމަކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް ސްރީލަންކާއިން ދަނީ އާ އާންމު ހާލަތުގެ ދަށުން ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު، ސިނަމާ/ތިއޭޓަރުތައް ހުޅުވާލުމަށް އެ ގައުމުން މަސައްކަތް ކުރަމުން ދާ ކަން ފާހަގަ ކުރަންޖެހެއެވެ.