މުވައްސަސާތަކުގެ އިސްވެރިންނަށް، މަސައްކަތު މާހައުލުގައި ކުރިމަތިވާ ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މަސައްކަތު ބައްދަލު ވުމަކީ، މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތައް އަހުލުވެރި ކުރުމަށްޓަކާ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެގޮތުން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކެންޕޭންގެ ހަރަކާތެއްގެ ގޮތުން މަސައްކަތު މާހައުލުގެ ރައްކާތެރި ކަމާ ގުޅޭ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ހޮޓެލް ޖެންގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނަށާއި ސަރުކާރު ހިއްސާވާ އަދި ޕްރައިވެޓް ކުންފުނިތަކާއި އަދި އަމިއްލަ ޖަމިއްޔާ ޖަމާޔަތަކުގެ އިސްވެރިންނަށް މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ކުރިމަތިވާ ނުރައްކާތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައްކާތެރިކަން ކަށަވަރު ކުރުމުން ލިބިގެންދާ ފައިދާ ތަކާއި މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މަސައްކަތު މާހައުލަގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްސަސާތަކުން ކުރެވިދާނެ މަސައްކަތްތަކާއި އަދި ސަރުކާރުގެ ގުޅުންހުރި މުވައްސަސާތަކާއި އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިބައްދަލުވުމުގައި އެކި މުވައްސަސާތަކުގައި ހިނގާފައި ހުރި ނުރައްކާތެރި ހާދިސާތަކުގެ މައްޗައް އަލި އަޅުވާލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން ބުނީ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން ވަޒީފާދޭ ފަރާތުން މަސައްކަތު މާހައުލުގެ ރައްކާތެރިކަމުގެ އާލާތްތައް ފޯރު ކޮށް ދިނުމުގެ މުހިންމު ކަމާއި މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ނުރައްކާތެރި ހާލަތްތައް ދެނެގަންނަން އެނގުން ހިމެނޭ ކަމަށެވެ. އަދި މަސައްކަތާއި ގުޅޭ ސަލާމަތީ އާލާތްތައް ބޭނުންކުރުމާއި ގުޅޭގޮތުން މުވައްޒަފުން އަހުލުވެރިކުރުމާއި ތަމްރީން ކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެކި މުވައްސަސާތަކުގައި ހުރި ގޮންޖެހުންތައް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ހާއްސަ އިސްކަމެއް ދީގެން މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި "މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަމުގެ ބިލް" ފާސްކޮށް ތަންފީޒް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހުރިހާ ބައިވެރިން ވެސް ފެންނަކަމަށް ހުށާ ހަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލަޕްމަންޓުން 2021 ވަނަ އަހަރުގައި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ފާސްކުރުމާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.