ޗައިނާގެ ބޮޑެތި މީހުންގެ އާބާދީގެ 2 ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުނަކީ، ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން އިތުރު މީހުން ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައިފިއެވެ.
މިއީ ބައި ބިލިއަނަށްވުރެވެސް އިތުރު އަދަދެކެވެ.
ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން އިތުރު މީހުންގެ އަދަދުތައް ޗައިނާގައި އިތުރު ވަމުން އަންނަނީ އިންތިހާއަށެވެ. 2002 ވަނަ އަހަރު މިއަދަދު އޮތީ 29 ޕަސެންޓްގައެވެ.
ސަބަބެއް ކަމަށް ވަނީ ޗައިނާއިން ހާސިލު ކުރަމުން ދާ އިގުތިސޯދީ ކުރިއެރުންތަކެވެ. މި ކުރިއެރުންތަކާއެކު ދިރިރުއުޅުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކެއިންބުއިމާއި ކަސްރަތު ކުރުމުގެ އާދައަށްވެސްމެއެވެ.
އާދަޔާ ހިލާފަށް ފަލަވެ، ބަރުވުން (އޮބީސިޓީ)އާ ދެކޮޅަށް ޗައިނާ ސަރުކާރުން ޕްލޭންތަކެއް އެކުލަވާލާ، އާންމު ކުރީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުދަ ދުވަހު އާންމު ކުރި ރިޕޯޓަށް ބަލާއިރު، ބޮޑެތި މީހުންގެ އާބާދީގެ 50 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން އިތުރު މީހުންނެވެ. މީގެ ތެރެއިން 16.4 ޕަސެންޓް މީހުންނަކީ އިންތިހާއަށް "އޮބީސް" މީހުންނެވެ.
މިއީ ހަމައެކަނި ޗައިނާއަށް އޮތް ކަމެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިއަހަރު ކުރީ ކޮޅު ވަނީ، 1975 ވަނަ އަހަރާ އަޅާ ބަލާއިރު، މުޅި ދުނިޔޭގައި އޮބީސިޓީގެ ތަކުލީފު އުފުލާ މީހުންގެ ނިސްބަތް 3 ގުނަ އިތުރުވެފައި ވާކަން ހާމަކޮށްފައެވެ. އެންމެ ބޮޑަށް މި ތަކުލީފު އުފަލަންޖެހިފައި ވަނީ ގަތަރަށެވެ. ގަތަރުގެ އާބާދީގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އޯވާވެއިޓް ނުވަތަ އޮބީސް މީހުންނެވެ.