މާބަނޑު ދުވަސްވަރު މައިމީހާގެ ބަނޑުގައި އުފެދޭ ވާމަސް (ޕްލަސަންޓާ)ގައިވެސް މައިކްރޮޕްލާސްޓިކްސް ގެ އަސަރު ހުންނަ ކަމަށް ފުރަތަމަ ފަހަރަށް ދިރާސާއަކުން ދައްކައިފިއެވެ.

މައިކްރޮޕްލާސްޓިކްސްއަކީ ވަކި ބާވަތެއްގެ ޕްލާސްޓިކެއް ނޫނެވެ. މައިކްރޮޕްލާސްޓިކްސް ކަމަށް ބުނަނީ، އިންތިހާއަށް ހިމުންވެ، ކުނޑިކުނޑިވެފައިވާ ޕްލާސްޓިކް ކޮޅުތަކަކަށެވެ. އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނާއި ޔޫރަޕިއަން ކެމިކަލްސް އޭޖެންސީއިން މާނަ ކުރާ ގޮތުގައި މައިކްރޮޕްލާސްޓިކްސް ފުކެއްގެ ދިގު މިނުގައި ހުންނާނީ އެންމެ 5 މިލިމީޓަރެވެ.

ވެލިފުއްތަކާ އެކުވެފައިވާ ޕްލާސްޓިކްކޮޅުތަކެއް / ފޮޓޯ: ޖިއޮގްރަފިކަލް މެގަޒިން

ޕްލަސަންޓާގައި މައިކްރޮޕްލާސްޓިކްސް ހުރި ކަމަށް ފުރަތަމަ ފަހަރަށް ދިރާސާއަކުން ދައްކާފައި ވާ އިރު، މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

އެންވައިރަމަންޓް ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، ޕްލަސަންޓާއިން ފެނުނު މައިކްރޮޕްލާސްޓިކްސްއަކީ، ޣަރުބަ ގަނެ، ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ދަރިފުޅަށް ގެއްލުންދެނިވި މާއްދާތަކެއް ކަން ވަނީ ދެނެގަނެވިފައެވެ. މި މައިކްރޮޕްލާސްޓިކްސްއަކީ ބަނޑުގައި އޮތް ދަރިފުޅަށް، ސިންތެޓިކް ކޮމްޕައުންޑްސް ފޯރުވާ މާއްދާތަކެއް ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.

ރިޕޯޓް ބުނާ ގޮތުގައި، މި މައިކްރޮޕްލާސްޓިކްތަކަކީ މައިމީހާއަށް ބޭނުން ކުރެވިފައިވާ އެތިކޮޅުތަކަކަށް ވެދާނެއެވެ.

މައިމީހާގެ ބަނޑުގައި ގަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: އިންޑިޕެންޑެންޓް

4 އަންހެނަކު ވިހޭ ދަރިންގެ ޕްލަސަންޓާގެ މައިމީހާއަށް ވީ ފަރާތާއި، ދަރިފުޅަށް ވީ ފަރާތުންވެސް މައިކްރޮޕްލާސްޓިކްސް ފެނިފައިވެއެވެ. އަދި އެމްބްރިޔޯ އުފެދޭ އެތެރެ ފަށަލައިންވެސް މައިކްރޮޕްލާސްޓިކްސް ފެނިފައި ވެއެވެ.

ދިރާސާ ކޮށްފައި ވަނީ ކޮންމެ ޕްލަސަންޓާއެއްގެވެސް 4 ޕަސެންޓެވެ. ނަމަވެސް 12 ޕްލާސްޓިކް ޕާޓިކަލް ފެނިފައިވާއިރު، މުޅި ޕްލަސަންޓާގައި އިންތިހާއަށް މައިކްރޮޕްލާސްޓިކްސް އެކުލެވޭނެ ކަމަށް ލަފާކުރެވެއެވެ. ޕްލަސަންޓާއިން ފެނުނު ޕްލާސްޓިކް ކޮޅުތަކުގެ އިތުރު ދިރާސާތައް ހެދި ހެދުމުން، މިއީ ނޫ، ރަތް، އޮރެންޖު ނުބަތަ ފިޔާތޮށި ކުލައިގެ ޕްލާސްޓިކް ކޮޅުތަކެއްކަން ހާމަވިއެވެ. ބެލެވޭ ގޮތުގައި، މިއީ ކުލަ ނުވަތަ މޭކަޕް ޒާތުގެ އުފެއްދުންތަކުން މައިމީހާގެ ހަށިގަނޑަށް އެތެރެވި މާއްދާތަކެއް ކަމަށް ބެލެވެއެވެ.

ޕްލަސަންޓާތަކުން ފެނުނު މައިކްރޮޕްލާސްޓިކް ކޮޅުތަކުގެ އެވަރޭޖު ބޮޑު މިނަކީ 0.01 މިލިމީޓަރެވެ. މިއީ ސާކިއުލޭޝަން ނިޒާމުގެ ތެރެއިންވެސް ފަސޭހައިން ދަތުރު ކުރާނެ ސައިޒެކެވެ. އެހެން ކަމުން، ތުއްތު ދަރިފުޅުގެ ހަށިގަނޑަށް މި ތަކެތި ފޯރާފައިވުންވެސް އެކަށީގެންވެއެވެ. ނަމަވެސް އަދި އެކަމުގެ ދިރާސާއެއް ހަދާފައެއް ނުވެއެވެ.

މައިމީހާގެ ބަނޑުގައި ގަރުބަގަނެ، ހެދިބޮޑުވަމުން އަންނަ ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ގާޑިއަން

ސޭން ޖިއޮވާނީ ކަލިބިތާ ފަތެބެނެފްރަތެއްލީ އެމާޖެންސީ ކުލިނިކުގެ އޮބްސްޓްރެޓިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓްގެ އިސްވެރިޔާ އެންޓޯނިއޯ ރަގޫސާ ވިދާޅުވީ، މިފަދަ ކުދިންގެ ސެލްތަކުގައި، ގުދުރަތީ މާއްދާތަކާ މަސްނޫއީ މާއްދާ އެކުލެވުން އެކަށީގެންވާ ކަމަށެވެ. މިކަމުގެ ސަބަބުން މައިންނަށް ހައިރާން ކަން ގެނުވާފައި ވާކަމަށްވެސް ރަގޫސާ ވިދާޅުވިއެވެ.

މައިކްރޮޕްލާސްޓިކްސްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަނޑުގައި އޮތް ދަރިފުޅަށް، މައިކްރޮޕްލާސްޓިކްސްގެ ސަބަބުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުންތަކެއްވެއެވެ. އެކަށީގެންވާ ގޮތެއްގައި ބަނޑުގައި ދަރިފުޅު ހެދިބޮޑު ނުވަމަކީ އެއްގެއްލުމެވެ.

މައިކްރޮޕްލާސްޓިކަކީ ޒީނަތްތެރިވާން ބޭނުން ކުރާ ބައެއް ސާމާނުންވެސް ހަށިގަނޑަށް ފޯރާ މާއްދާއެއް / ފޮޓޯ: ޑަބްލިއުއެޗްއޯއައި

މައިކްރޮޕްލާސްޓިކްސްއިން މުޅި ދުނިޔެ ވަނީ ތަގައްޔަރުވެފައެވެ. އެންމެ އުސް ފަރުބަދަތަކާއި ފުން ކަނޑުތައްވެސްމެއެވެ. ކާބޯތަކެއްޗާއި، ބޯ ފެނާއި، ނޭވާލުމުގެ ޒަރިއްޔާއިންވެސް މިތަކެތި ހަށިގަނޑަށް އެތެރެވެދާނެއެވެ.

އުފަންވާ ތުއްތު ކުދިންވެސް މައިކްރޮޕްލާސްޓިކްސްއަށް ހުށަހެޅޭ ކަން އޮކްޓޯބަރު މަހުގެ ދިރާސާއަކުން ވަނީ ދައްކާފައެވެ. އެގޮތުން ޕްލާސްޓިކް ފުޅީގައި ކިރު ބޯ ޅަ ކުދިންގެ ހަށިގަނޑަށް، ކޮންމެ ދުވަހަކުވެސް މައިކްރޮޕްލާސްޓިކް އެތެރެވާކަން، ދިރާސާ ކުރާ ފަރާތްތަކުން ދެނެގަނެފައެވެ. ހަމަ މިފަދައިން، ވައި ތަގައްޔަރުވުމުގެ އަސަރުވެސް ޕްލަސަންޓާއަށް ފޯރާކަން، މީގެ ކުރީގެ ދިރާސާއަކުން ވަނީ ހޯދާފައެވެ.