އެޗްޕީއޭއިން އަންގާފައިވާ ސާފުތާހިރު ކަމުގެ މިންގަނޑުތަކާ ހިލާފުވެ އޭޑީކޭ ހޮސްޕިޓަލުގެ ކެންޓީނު ބަންދުކޮށްފިއެވެ.
އޭޑީކޭގެ ކެންޓީނު ބަންދުކޮށްފައިވަނީ ހިދުމަތް ލިބިގަންނަ މީހުންނަށް ކާބޯތަކެތީގެ ޒަރިއްޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަމަލުކުރާ ގަވާއިދާ ހިލާފުވެގެން ކަމަށް އެ ކެންޓީނުގައި އެޗްޕީއޭ އިން ތަތްކޮށްފައިވާ ނޯޓިސްގައި ވަނީ ބުނެފައެވެ.
އެ ނޯޓިސްގައިވާ ގޮތުން އެތަން ބަންދުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ. މިއީ މިގޮތަށް އޭޑީކޭ ކެންޓީނު ބަންދުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
ކޮވީޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަންނަނީ ހާއްސަ އިންސްޕެކްޝަންތަކެއް ހިންގަމުންނެވެ.
އެގޮތުން މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކޮށްފައެވެ. އެ އިންޕެކްޝަންތަކުގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ހިމެނެއެވެ.
އެޗްޕީއޭއިން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށް ވެސް އެ އެއެޖެންސީގެ ޓީމުތައް އަންނަނީ ވަންނަމުންނެވެ.