ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޑިޖިޓަލް ހެލްތު ސެޓްފިކެޓް ބޭނުން ކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޯޑަރެއް ހުރަސް ކުރުމުގެ ރެކޯޑް، ސިންގަޕޫރުގެ ރަށްވެއްސަކު ކަށަވަރު ކޮށްފިއެވެ.

ޖަޕާނަށް ކުރި ދަތުރު ނިންމާލުމަށްފަހު ކޮވިޑް-19 ޑިޖިޓަލް ހެލްތު ސެޓްފިކެޓްގައި އޭނާ ސިންގަޕޫރަށް އެތެރެވެފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް، މި ކަމުގެ ފަހަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ.

އިންޓަނޭޝަނަލް އެސްއޯއެސް، އިންޓަނޭޝަނަލް ޗޭމްބާ އޮފް ކޮމާސް އައި އޭއޯކޭޕާސްއިން ބުނީ، ސިންގަޕޯ އެއާލައިންސް ފްލައިޓް އެސްކިއު637 އިން ދަތުރު ކުރި ފަސެންޖަރު، ޗަންގީ އެއާޕޯޓްގެ އިމިގްރޭޝަނުން ކްލިއަރަންސް ހޯދީ، އައިސީސީ އޭއޯކޭޕާސްގެ ކޮވިޑް-19 ޕީސީއާރް ނެގެޓިވް ޓެސްޓު ސެޓްފިކެޓް ދައްކައިގެން ކަމަށެވެ. މިއީ އިމިގްރޭޝަން ކައުންޓަރުތަކުންވެސް، ބްލޮކްޗެއިން ޓެކްނޮލޮޖީ ފާހެއް ބޭނުން ކުރި ފުރަތަމަ ފަހަރު ކަމަށްވެސް މި ކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ.

ބްލޮކްޗެއިން ޓެކްނޮލޮޖީއަކީ ވަގު މެޑިކަލް ރެކޯޑާއި ލިޔެކިއުންތަކުން އެއްކިބާ ވުމަށް ފުރުސަތު ފަހި ކުރާ ޓެކްނޮލޮޖީއެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އާ-އާންމު ހާލަތުގައި ބޯޑަރު ހުރަސްކުރުމަށް ގިނަ ގައުމުތަކަކުން ކޮވިޑް-19 ނެގެޓިވް ޓެސްޓު ރެކޯޑެއް ބޭނުންވާއިރު، އައިސީސީ އޭއޯކޭޕާސް ފަދަ ފާސްތަކަކީ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް އިތުރު ކަށަވަރު ކަމެއް ގެނުވާ ދޭ ކަމަކަށް ވާއިރު، މިއީ ދަތުރުކުރާ ފަސެންޖަރަށްވެސް ލުއި ގޮތެއް ކަމަށް ބުނެއެވެ.

މި ވަގުތު މި ޓެކްނޮލޮޖީ ބޭނުން ކުރަނީ ޗަންގީ އެއާޕޯޓްގައެވެ. މެލޭޝިއާއާއި އިންޑޮނޭޝިއާ މަގުން ދަތުރު ކުރާ ފަސެންޖަރުންނަށް މި ހިދުމަތުގެ ބޭނުން ހިފޭނެ ކަމަށް މައުލޫމާތު ލިބެއެވެ.