ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ޕީސީއާރު ހެދޭނެ އިންތިޒާމު އެޗްޕީއޭ އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެޗްޑީސީން ހަމަޖައްސައިދީފިއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި އެޗްޕީއޭއިން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ވަނީ، މާލޭން ބޭރުވާން ޕީސީއާރު ހެދުމަށްޓަކައި ގިނަ ބަޔަކު މިދިޔަ އާދީއްތަ ދުވަހުގެރޭ ޕީސީއާރު ހިދުމަތްދޭ މަރުކަޒުތައް ކައިރީގައި ކިޔޫ ހަދާފައި ވަނިކޮށެވެ.

އެޗްޑީސީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ރުށްގަނޑު ސަރަހައްދުގައި ޕީސީއާރު ނަގަން ޓެންޓެއް ހަދާފައި ވާއިރު، ޕީސީއާރު ހަދަން ދާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ތަނުގައި ގޮނޑި ޖަހާފައި ވެއެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އިއްޔެއިން ފެށިގެން އެ ސަރަހައްދުގައި ވަނީ ޕީސީއާރު ހަދަން ފަށާފައެވެ.

އެހެންނަމަވެސް، މިކަމާ ގުޅޭގޮތުން އެޗްޑީސީ އާއި އެޗްޕީއޭގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މާލޭން ރަށްރަށަށްދާ މީހުން ޕީސީއާރު ހަދަން އެޗްޕީއޭއިން ލާޒިމް ކޮށްފައި ވަނީ، ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަހަރު ފެށިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުން ދާއިރު، އިއްޔެވެސް 593 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.