ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަށް އިންފެކްޓް ވެފައި ވާ ބައެއް މީހުންނަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހޭތާ 10 ދުވަސް ފަހުންވެސް، އެހެން މީހުންނަށް ބަލި ފަތުރާ ބައެއް ކަން، އިނގިރޭސިވިލާތުގެ ދިރާސާ ޓީމަކުން ދެނެގެންފިއެވެ.

މި ކަން ދެނެގެންފައި ވަނީ ސާސްކޮވް-2 ވައިރަހަށް އިންފެކްޓްވެފައި ވާ މީހުންގެ ހަށިގަނޑުގައި ލައިވް ވައިރަސް ހުރި މިންވަރު ހޯދައިގެންނެވެ. މި ކަމަށް ބޭނުން ކޮށްފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެންމެ އާންމު ކޮށް ބޭނުން ކުރާ ޕީސީއާރް ޓެސްޓެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދިރާސާގައި ބައިވެރިވި 176 މީހުންގެ ތެރެއިން 13 ޕަސެންޓް މީހުންނަކީ، 10 ދުވަސް ފަހުންވެސް، އަނެކާއަށް ބަލި ފަތުރާ މިންވަރަށް، ލައިވް ވައިރަސް ހުރި މީހުންނެވެ. ބައެއް މީހުންގެ ހަށިގަނޑުގައި 68 ދުވަހަށްވެސް ލައިވް ވައިރަސް ހުރި ކަމަށް ވަނީ ދައްކާފައެވެ.

ދިރާސާގެ ކަންކަން ބެއްލެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ޔުނިވާސިޓީ އޮފް އެގްޒެޓާ މެޑިކަލް ސްކޫލްގެ ޕްރޮފެސާ ލޯނާ ހެރީޒް ވިދާޅުވީ، މިއީ ކިތަންމެ ކުޑަ ދިރާސާއެއް ނަމަވެސް، މި ދިރާސާއަކީ، 10 ދުވަހުގެ މުއްދަތަށް ފަހުގައިވެސް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަން ބަޔާން ކޮށްދެނިވި ދިރާސާއެއް ކަމަށެވެ.

ދިރާސާގެ ހޯދުންތަކުން، ބައެއް މީހުންގެ ހަށިގަނޑުގައި ގިނަ ދުވަސްތަކަކަށް ލައިވް ވައިރަސް ހުންނަ ކަން ދެނެގަނެވުނު ނަމަވެސް، އިތުރު ބަޔަކަށް ބަލި ފަތުރާ ދަރަޖައަށް ލައިވް ވައިރަސް ދެމި ހުންނާނީ ކޮން ޕޭޝަންޓުންނެއްގެ ހަށިގަނޑުގައި ކަން ދުރާލާ ލަފާ ކުރެވެން ނެތް ކަމަށްވެސް ޕްރޮފެސާ ހެރީޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އާންމު ކޮށް ބޭނުން ކުރާ ޕީސީއާރް ޓެސްޓުތަކަކީ މީހެއްގެ ގައިގައި ވައިރަސް ހުރި ކަން ދެނެގަތުމަށް ބޭނުން ކުރާ ޓެސްޓުތަކެއް ކަމަށް ވާއިރު، އެ މީހަކީ އިތުރު ބަޔަކު އިންފެކްޓް ކުރާނެ މީހެއް ކަމެއް ނުހޯދެއެވެ.

ކަން މިހެން އޮތް އިރު، ކަނޑައަޅާފައި މުއްދަތު ފުރިހަމަ ކޮށް، އަލުން އަނބުރާ މުޖުތަމައަށް ނިކުންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ނުރައްކާ އޮންނަ ކަމަށް، ދިރާސާގެ އިސް މުސައްނިފު، ޔުނިވާސިޓީ އޮފް އެގްޒެޓާ މެޑިކަލް ސްކޫލްގެ މާލީން ޑޭވިސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ކަމުން، ކޮވިޑް ޖެހި، އެކަހެރި މުއްދަތު ފުރިހަމަ ކުރުމަށްފަހު އާންމުންގެ ތެރެއިން، ހައި ރިސްކު މީހުންނާ ބައްދަލުވާ މީހުންގެ އެކްޓިވް ވައިރަސް ޓެސްޓެއް ހެދުން މުހިންމު ކަމަށް ޑޭވިސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19 އިން ދިފާއުވުމަށް ގައުމުތަކުން 2 ވަނަ ޑޯޒްގެ ވެކްސިން ފުރިހަމަ ކޮށް، ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވާ ދަނޑިވަޅަކަށް ވާ އިރު، ޑޯޒް ފުރިހަމަ ކުރާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވާ މީހުންނަށް، ގައުމުތަކުން ދަނީ ބޮޑެތި ލުއިތަކެއް ދެމުންނެވެ. އެގޮތުން، އެކަހެރި މުއްދަތުވެސް ކުރު ކުރަމުން އަންނައިރު، މިއީ މެޑިކަލް ސައެންސްގެ ރޮނގުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމެކެވެ.