ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިން، ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން، އަންނަ ހަފުތާ ތެރޭގައި ދިނުން އެކަށީގެންވާކަމަށް ހަބަރު ލިބިއްޖެއެވެ.

ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އިންޑިއާގައި އަސްޓްރާޒެނީކާގެ ވެކްސިން ތަރައްގީ ކުރަމުން އަންނަ ކުންފުނިން ވަނީ، އެ ވެކްސިނާ ބެހޭ އިތުރު ލިޔެކިއުންތަކެއް، ކަމާ ބެހޭ ފަރާތްތަކުގެ އެދުމުގެ މަތިން، އެ ފަރާތްތަކާ ހަވާލުވެސް ކޮށްފައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާގެ ކޭމްބްރިޖް އޮފީސް އިމާރާތް/ފޮޓޯ: އެލިސްޓެއާ ގްރާންޓް

އިންޑިއާއިން މި އިޒުނަ ދީފިނަމަ، އެ ގައުމު ވާނީ، އަސްޓްރާޒްޒެނީކާގެ ކޮވިޑް ވެކްސިނަށް ރުހުންދޭ ފުރަތަމަ ގައުމަށް ކަމަށް ވެސް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި މެލޭޝިއާއިންވެސް އަސްޓްރާޒެނީކާއާއެކު ވެކްސިން ހޯދުމުގެ އެއްބަސްވުމެއް އެކުލަވާލާފައި ކަން އެގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ އިއުލާން ކުރައްވާފައެވެ.

ބައިނަލްއަގުވާމީ ވެކްސިން ސިނާއަތަށް ބަލާއިރު، މާކެޓަށް ބޭނުންވާ ވެކްސިން އެންމެ ގިނަ އަދަދަކަށް އުފައްދާ ގައުމަކީ އިންޑިއާއެވެ. އިންޑިއާއިން އަމާޒު ހިފާފައި ވަނީ، ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، އަންނަ މަހުގެ ތެރޭގައި ދޭން ފެށުމަށެވެ.

އިންޑިއާއިން ދަނީ ފައިޒާ ކުންފުންޏާއި، އިންޑިއާގެ ކުންފުންޏެއް ކަމަށް ވާ ބާރަތު ބައޮޓެކުން ތަރައްގީ ކުރާ ވެކްސިނަށް ރުހުން ދިނުމާ މެދުވެސް ވިސްނަމުން ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކަށް ބަލާއިރު، އަސްޓްރާޒެނީކާގެ ވެކްސިނަކީ ދަށް ފަންތީގެ އާންމު ދަނީ ލިބޭ ގައުމުތަކަށް އެންމެ އެކަށީގެންވާ ވެކްސިން ކަމަށް ބުނެވެއެވެ.