އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ އައްޑުއަތޮޅާއި ހުވަދު އަތޮޅަށް ބާއްވާ ކާގޯ ބޯޓު ފުރަތަމަ ފަހަރަށް ތިނަދުއަށް ބަނދަރު ކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މި ބޯޓު ތިނަދުއަށް ބަނދަރު ކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. "ބޮންތި" ނަމަކަށް ކިޔާ މި ބޯޓު ތިނަދުއަށް ބަނދަރު ކުރީ 400 ޓަނުގެ މުދަލާއެކުއެވެ. މި ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ 20 ދުވަހަކުން އެއް ދަތުރެވެ.

އިންޑިއާއާއި އައްޑޫ އަދި ތިނަދޫ ގުޅުވާލާ މި ބޯޓު ވަނީ މިމަހު 9 ވަނަ ދުވަހު އައްޑުއަށް ބަނދަރު ކޮށްފައެވެ. އިންޑިއާ، އައްޑޫ، އަދި ތިނަދޫއާ ދެމެދު މި ބޯޓުގެ ހިދުމަތް ފަށާފައި ވާއިރު، މި ދެ ތަނަކީ މީގެ ކުރިން ބައިނަލްއަގްވާމީ ޝެޑިއުލް ފެރީތައް އަންނަ ތަންތަނެއް ނޫނެވެ. އައްޑުއަށް މީގެ ކުރިން ވެސް ވަނީ އިންޑިއާއިން ޑައިރެކްޓްކޮށް ކާގޯ ބޯޓު ގެންގޮޮސްފައެވެ. ނަމަވެސް ޝެޑިއުލް ކާގޯއެއް އެތަނަކަށް ވެސް ނުގެންދެއެވެ.

އެސްޓީއޯގެ ކާގޯ ބޯޓުގައި މައިގަނޑު ގޮތެއްގައި ގެނައުމަށް ހަމަޖެހިފައި ވަނީ ކޮންސްޓްރަކްޝަން ތަކެއްޗާއި ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި މޭވާއާއި ތަރުކާރީގެ އިތުރުން ކުކުޅު ބިސް، ގަނޑުކުރި ތަކެތޮ، އަދި ޖެނެރަލް ކާގޯ ހިމެނެއެވެ.

ބޯޓުގެ ސަބަބުން ދެކުނުގެ ވިޔަފާރިވެރިންނަށް މާލޭގެ ވިޔަފާރިތަކާ އެއްފަދައިން ވިޔަފާރި ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ. އެގޮތުން މުދަލުގެ އެޖެންސީ ނަގައި، އެ މުދަލެއް ހޯލްސޭލް ކުރުން ފަދަ ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދާއިރު، މިއީ ދެކުނު ވިޔަފާރިތައް ބޮޑުތަނުން ކުރިއަރައިގެން ދާނެ ކަމެކެވެ. އެއާއެކު ވަޒީފާތައް އުފެދި، މުޅި ސަރަހައްދުގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެއެވެ.