ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ދާނީ އިލެކްޝަންސްގެ ކޮމިޝަންގެ މަގާމަށް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ހަމަޖެއްސުމަށް ފަހުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އީސީގެ ރައީސް ކަމުގައި ޝަރީފް ހުންނަވަައިގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ބޭނުންވަނީ އީސީގެ ރައީސްކަމަށް އެ ކޮމިޝަންގެ މެންބަރު އަދި ކުރީގެ ރައީސް ފުއާދު ތައުފީގު ހުރެގެން އިންތިހާބުގައި ވާދަކުރުމަށް ކަމަށެވެ.
ރައީސްކަމުގައި ފުއާދު ހުރެގެން އިންސާފުވެރި އިންތިހާބެއް ބާއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ސުޖާއު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ކާމިބު ކުރި ރިޔާސީ އިންތިހާބު ބޭއްވި އިރު އިސީގެ ރައީސްކަން ކުރެއްވީ ފުއާދެވެ. ސުޖާއު ވަނީ މިދިޔަ ރިޔާސީ އިންތިހާބު އިދިކޮޅަށް ނާ ކާމިޔާބުވީ ޝަރީފް އިސްވެ އީސީން މަކަރު ހަދާ އޮޅުވާލައިގެން ކަމަށް ވެސް ވިދާޅުވެފައެވެ.
މިއަހަރުގެ އެޕްރީލް މަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.
އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު މަޖިލީހުން ވަނީ ދަންމާލާފައެވެ.
އިންތިހާބު ބާއްވަން އަދިވެސް އެޗްޕީއޭގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.