އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން "ވިސްނާ"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު ޖަލްސާއެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 08:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވަނީ އެ ޖަލްސާ ބޭއްވުމަށް އެދި ހުއްދަ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ސުޖާއު ވިދާޅުވީ މީގެ ކުރިން ވެސް އިދިކޮޅު އެއްވުންތައް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ހުއްދަ ދީފައި ނުވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. ސުޖާއު ވިދާޅުވީ ޖަލްސާ ކުރިއަށްދާނީ ގައިދުރުކަން އިސްކޮށްގެން ކަމަށެވެ.

އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަރުކާރުން ހަދާފައިވާ ގޯސް ތަކާއި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.