ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އެކަށީގެން ނުވާ ކޮންޓެންޓް ފަތުރާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުން ކުރަން އެދޭނެމަ ހާއްސަ ދަފުތަރެއްގައި ރަޖިސްޓާ ކުރުމަށް ގޮވާލާ ޕްލޭނެއް އެކުލަވާލާފައި ވާ ކަމަށް، ސްރީލަންކާގެ މާސް މީޑިއާ މިނިސްޓަރު ކެހޭލިޔާ ރަމްބުކްވެއްލާ ވިދާޅުވެއްޖެއެވެ.

ރަމްބުކްވެއްލާ ވިދާޅުވީ، އަމިއްލައަށް ކަންކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ދޭތޯ ބެލިއްޖެ ކަމަށާ، މިއަދުގެ ވަގުތެއްގައި މި ޕްލޭނާ މެދު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި މަޝްވަރާ ކުރުމުގެ ބަދަލުގައި، އަމަލީ ގޮތުން އެކަން ތަންފީޒު ކުރަންވީ ވަގުތު ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ސްރީލަންކާގައި ސޯޝަލް މީޑިއާ ބޭނުން ކުރަމުން ދިޔަ މީހުންގެ އަދަދު 6.4 މިލިއަނަށް އަރައެވެ.

ކަން މިހެން އޮތްއިރު، ފޭސްބުކް، ގޫގްލް އަދި ޓްވިޓާ ފަދަ ކުންފުނިތަކުން ވަނީ، ކޮންޓެންޓް ރެގިއުލޭޓް ކޮށް ސެންސަރު ކުރުމުގެ ބާރު، ސަރަހައްދީ ރެގިއުލޭޓަރުންގެ އަތް މައްޗަށް ދޫކޮށްލާފައި ވާ ކަމަށް ބުނެ، ސްރީލަންކާއާއި ޕާކިސްތާނުގައި އޮޕަރޭޓް ކުރުން ހުއްޓާލުން އެކަށީގެންވާ ކަމުގެ އިންޒާރެއް، މި ދިޔަ މަހުގެ ތެރޭގައި ދީފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، ސަރުކާރަށް ފުރައްސާރަ ކޮށް، ހަމަނުޖެހުން އުފައްދާ، ގެއްލުން ދެނިވި ކޮންޓެންޓް ހިއްސާ ކުރަމުން ދާނަމަ، އެފަދަ ކޮންޓެންޓްތައް ސޯޝަލް މީޑިއާ ޕްލެޓްފޯމުން ނަގާ، އެފަދަ ކޮންޓެންޓްތައް ބްލޮކް ކުރުމުގެ ބާރު، ޕާކިސްތާނުގެ މުވާސަލާތާ ބެހޭ އިދާރާއާ ހަވާލު ކުރައްވާފައެވެ.