ހުރިހާ ގައުމަކުންހެން އެ އުފެއްދުންތަކަކަށް ޑިމާންޑް ކުރަމުން އަންނަ ކޮވިޑް ވެކްސިންގެ އަގު ލިސްޓެއް، ބެލްޖިއަމްގެ ބަޖެޓް ސެކްރެޓަރީ އީވާ ޑެ ބްލީކާ، "އޮޅިގެން" ޓްވީޓް ކުރައްވައިފިއެވެ.

ބްލީކާ ވަނީ ވިލާތުގެ އިއްތިހާދު (އީޔޫ) އިން ކޮވިޑް ވެކްސިނަށް ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައިސްފައިވާ އަގުތައްވެސް ޓްވީޓް ކުރައްވާފައެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވަނީ، އެންމެ ގިނަ ބަޔަކު ޑިމާންޑް ކުރަމުން އަންނަ ވެކްސިންތަކުގެ އަގު ލިސްޓެއް ހިމެނޭ ގޮތަށް ޓްވީޓެއް ކުރައްވާފައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޓްވީޓް ޑިލީޓް ކުރެއްވި ނަމަވެސް، ބަޔަކު ވަނީ ސްކްރީންޝޮޓް ނެގުމުގެ ރޭހުގައި ކުރި ހޯދާ، އެ މަންޒަރުތައް ރައްކާކޮށްފައެވެ.

ބްލީކާ ޑިލީޓް ކުރެއްވި ޓްވީޓްގައި ވާ ލިސްޓަކީ ކޮވިޑާ ދެކޮޅަށް އެންމެ ނަން ހިނގާ ވެކްސިންތައް ވިއްކާ އަގުތަކާ، ބެލްޖިއަމްއިން ވެކްސިން ގަތް އަގުތަކުގެ ތަފްސީލެވެ.

ބެލްޖިއަމްގެ ބަޖެޓް ސެކްރެޓަރި އީވާ ޑެ ބްލީކާ ހިއްސާކުރެއްވި އަގު ލިސްޓުގެ ޓްވީޓް / ފޮޓޯ: ސްކްރީންގްރޭބް ޓްވިޓާ

ބްލީކާ މި ޓްވީޓް ކުރެއްވުމާއެކު ފާމަސޫޓިކަލް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެނީ، ވެކްސިން ވިއްކާ އަގުތަކަކީ ސިއްރު ހިފެހެއްޓުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ކުރެވިފައި އޮންނަންޖެހޭ މައުލޫމާތަކަށް ވުމުން ކަމަށް ފާމަސޫޓިކަލް ކުންފުނިތަކުން ބުނެއެވެ.

ބްލީކާއަށް "އޮޅިގެން" ކުރެއްވުނު ޓްވީޓުން އެނގޭ ގޮތުގައި އެންމެ އަގު ހެޔޮ ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާއިން ތަރައްގީ ކުރި ވެކްސިނެވެ. އަދި އެންމެ އަގު ބޮޑީ މޮޑާނާގެ ވެކްސިންކަން ފާހަގަ ކުރަންޖެހެއެވެ. މިއީ ކުރިންވެސް އެނގޭ ކަމަކަށް ވާއިރު، ބްލީކާއަށް ކުރެއްވުނު ކަމަކުން އަގުލިސްޓު އާންމުވެ، ވިޔަފާރީގެ މައިދާނުގައި ބައެއް ކުންފުނިތަކަށް "ނުހައްގު" ފައިދާއެއް ނުވަތަ މަންފާ ހާސިލު ކުރުމުގެ ފުރުސަތު ތަނަވަސްވާނެއެވެ.

ޔޫރަޕިއަން ކޮމިޝަނުން ވަނީ މިކަމާ އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.