ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމަށް ކުރިއަށްދާ ރޭހުގެ އިސް ސަފުން ޖާގަ ހޯދާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ މޮޑާނާ ކުންފުނިން، ތުއްތު ކުދިންނަށްވެސް ވެކްސިން ދެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަކަން ހާމަކޮށްފިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މިހާތަނަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކަށް ބަލާއިރު މުޅިންވެސް ހިމެނެނީ، 16 އަހަރާއި 18 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ހާއްސަ ވެކްސިނެވެ. އެހެނީ، ކުޑަ ކުދިންގެ ހަށިގަނޑުގައި އަދި މިހާތަނަށް ވެކްސިން ޓެސްޓުކޮށް، އާންމު އުސޫލުން ފުރިހަމަ ކުރަންޖެހޭ ތަހުލީލީ މަރުހަލާތައް ފުރިހަމަ ކޮށްފައި ނުވުމެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ވޫހާން ސިޓީގެ ނަރުހެއް، އަލަށް އުފަންވި ތުއްތު ކުއްޖަކު އުރާލައިގެން/ފޮޓޯ: އެންބީސީނިއުސް

މޮޑާނާގެ ވެކްސިނަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްފައިވާ ވެކްސިނެއް ކަމަށް ވާއިރު، ފައިޒާގެ ވެކްސިނަކީ 16 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ހާއްސަ ވެކްސިނެކެވެ.

ކަން މިހެން އޮތް ނަމަވެސް، ތުއްތު ކުދިންނާއި ކުޑަކުދިންނަށް ވެކްސިންނެއް ބޭނުންވާނެ ކަން ގަބޫލުކުރާ މައިންބަފައިންގެ އަދަދު މަދެއް ނުވާނެއެވެ. މިކަމަށް މޮޑާނާއިން މިވަނީ އިޖާބަ ދީފައެވެ. މޮޑާނާއިން ބުނީ، އުމުރުން އެންމެ 6 މަހުން ފެށިގެން 12 އަހަރާ ދެމެދު ކުދިންނަށް ވެކްސިން ދިނުމާ ގުޅޭ ދިރާސާތައް ކުރުމަށް، ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތާއެކު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށެވެ.

މޮޑާނާގެ ކޮވިޑް-19 ވެކްސިން ޑޯޒްއެއް ސިރިންޖަކަށް ނަގަނީ/ފޮޓޯ: އޭޕީ

މޮޑާނާގެ އޮފިޝަލު، ޑރ ޖެކޮލީން މިލާ ވިދާޅުވީ، ވެކްސިނަކީ ކުޑަކުދިންނަށް އިންތިހާއަށް ބޭނުން ޖެހިފައިވާ އެއްޗެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސްކޫލްތަކަށް ހާޒިރު ކޮށްގެން ކިޔަވާ ދޭން ފެށުމާއި، އިލްމު ފޯރުކޮށްދޭ ފަންނުވެރިންނަށް ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށްޓަކައިވެސް ކުޑަކުދިންނަށް ވެކްސިނަކަށް ބޭނުން ވެފައި ވާކަމަށް ޑރ މިލާ ވިދާޅުވިއެވެ.

ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު މޮޑާނާއިން ވަނީ، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމާ ބެހޭ ތަހުލީލީ މަރުހަލާ ފަށާފައެވެ. މި ތަހުލީލުތަކުގެ ނަތީޖާ، 2021 ވަނަ އަހަރު ލިބޭނެ ކަމަށް މޮޑާނާއިން އުއްމީދު ކުރެއެވެ.