އެސްޓީއޯގެ ވިޔަފާރި ފެށުނީ 1964 ވަނަ އަހަރުގެ ތެރޭގައެވެ. އަތިރީ މާފަންނުގޭ ތެރެއިން މުދާތަކެއް އަތްގާޑިއަލަކަށް ލައިގެން ގެންގޮސް އޭރުގެ ފަރީދީ ސިނަމާ، މިހާރުގެ ޒުވާނުންގެ މަރުކަޒުގެ ތެރެއަށް ގެންދިޔަ ހިސާބަކީ އެސްޓީއޯގެ ފެށުމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދު ބަދަލުކޮށް އިންގިލާބީ ބަދަލެއް ދިވެހިރާއްޖޭގެ އިގްތިސާދަށް ގެނުވި ވިޔަފާރީގެ ފެށުމެވެ.
އެސްޓީއޯ އަށް އެންމެ ފުރަތަމަ ކިޔާފައިވަނީ އަތިރީމާފަންނުގޭ ޓްރޭޑިން އެކައުންޓް (އޭޓީއޭ) އެވެ. އޭޓީއޭގެ ނަން އެސްޓީއޯއަށް ބަދަލުކޮށްފައިވަނީ ޖޫން 9، 1976 ގައެވެ.
އެސްޓީއޯގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އެކަށީގެންވާ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
އެސްޓީއޯއަށް މިއަދު 56 އަހަރު ފުރިގެންދިޔައިރު މިއަދު އެސްޓީއޯއަކީ ރާއްޖެ އިގްތިސޯދުގައި މުހިންމު ބައިވެރިއެކެވެ. އެސްޓީއޯގެ ދަށުން ދިވެހި ރައްޔިތުންނަށް އަންނަނީ އެތަކެއް ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
އެސްޓީއޯ އިން ދޭ ހިދުމަތްތައް:
އެ ކުންފުނިން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ ހިދުމަތްތައް ގުނާ އަދަދު ނުކުރެވޭހާ ބައިވަރު ހިދުމަތްތައް ހިމެނެއެވެ. އޭގެތެރޭގައި އެސްޓޯއޯ ޕީޕަލްސް ޗޮއިސް އިން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ސާމާނުތަކާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގޭގެއަށް ބޭނުންވާ ގިނަ އިލެކްޓްރޯނިކް ސާމާނުތައް އެންމެ ހެޔޮ އަގުގައި އެ ކުންފުނިން ފޯރުކޮށްދެއެވެ. ހަމައެއާއެކު ބޭސްފަރުވާއަށް ބޭނުންވާ ސާމާނުތަކާއި މެޑިކަލް އިކުއިޕްމަންޓް މެޝިނަރީސްވެސް އެ ކުންފުނިން ފޯރުކޮށްދެއެވެ. އިމާރަތްކުރުމަށް ބޭނުންވާ ސާމާނުތަކަކީ ވެސް އެސްޓީއީ ކޮންސްޓަރަކްޝަންގެ ދަށުން އެ ކުންފުނިން ފޯރުކޮށްދޭ ތަކެއްޗެއްވެ.
މި ހިދުމަތްތަކުގެ ތެރެއިން އެސްޓީއޯއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އައި އެއް ކަމަކީ ރާއްޖޭއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމެވެ. އެގޮތުން ކޮވިޑް ޕެންޑަމިކް ތެރެއިން ރައްޔިތުންނަށް ހުސްނުކޮށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދިނުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ކޮވިޑް ޕެންޑަމިކް ތެރޭގައި ބޭސް ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން ބޭސްފަރުވާގެ ހިދުމަތުގެ ތެރެއިން މި ޕެންޑަމިކްގައި ރާއްޖެއިން ބޭރަށް ދިއުމުގައި އާންމު ރައްޔިތުންނަށް ވަނީ ބޮޑެތި ހުރަސްތަކެއް ދިމާވެފައެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތައް ހޯދަން ޖެހޭ ބޭސްތައް ގެނައުމުގެ ހިދުމަތްވެސް އެސްޓީއޯއިން ވަނީ ފޯރުކޮށްދީފައެވެ. ހަމައެއާއެކު ރާއްޖޭގައި ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުން ލިޔެދެއްވާ ބޭސް ސިޓީގައި ހުންނަ ބޭސް ރާއްޖެއިން ނުލިބޭ ނަމަ އެ ބޭސް ވެސް އާންމު ރައްޔިތުންނަށް ހޯދައިދިނުމަށް ކުންފުނިން މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.
ޕެންޑަމިކްގެ ހާލަތުގައި ވިޔަފާރީގެ ހިދުމަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމުގެ ސަބަބުން އެ ކުްނފުނިން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމަށް އޮންލައިން ސްޓޯރެއްވެސް މިއަހަރު ތެރޭ ތައާރަފްކޮށްފައެވެ. އެ ގޮތުން އޮންލައިންކޮށް ތަކެތި ގަނެވޭނެ އިންތިޒާމާއެކު ގޭގެއަށް ތަކެތި ޑެލިވަރީ ކޮށްދިނުމަކީ ވެސް އެކުންފުނިން މިއަހަރު ތެރޭ ކޮށްދިން ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ އަށާއި ހުވަދު އަތޮޅަށް ވަނީ ޝިޕިންގެ ހިދުމަތް ފަށާފައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ގެނައުމަށް ހަމަޖެހިފައި ވަނީ ކޮންސްޓްރަކްޝަން ތަކެއްޗާއި ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި މޭވާއާއި ތަރުކާރީގެ އިތުރުން ކުކުޅު ބިސް، ގަނޑުކުރި ތަކެތި، އަދި ޖެނެރަލް ކާގޯ ހިމެނެއެވެ.
މި ހިދުމަތުގެ ސަބަބުން ދެކުނުގެ ވިޔަފާރިވެރިންނަށް މާލޭގެ ވިޔަފާރިތަކާ އެއްފަދައިން ވިޔަފާރި ކުރެވޭނެ މަގު ފަހިވެގެން ދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އެގޮތުން މުދަލުގެ އެޖެންސީ ނަގައި، އެ މުދަލެއް ހޯލްސޭލް ކުރުން ފަދަ ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދާއިރު، މިއީ ދެކުނު ވިޔަފާރިތައް ބޮޑުތަނުން ކުރިއަރައިގެން ދާނެ ކަމަށާއި އެއާއެކު ވަޒީފާތައް އުފެދި، މުޅި ސަރަހައްދުގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ވިޔަފާރިގެ މައިދާނުގައި އެސްޓީއޯއިން އާންމުންނަށް ހިދުމަތް ދިނުމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ އިރު އެ ކުންފުނީގެ ދަށުން ސަބްސިޑަރީ އެތައް ކުންފުނިްތަކެއް ވަނީ އިފައްދާފައެވެ. އެ ގޮތުން މޯލްޑިވް ގޭހުން އާންމުންނަށް ގޭސް ފޮރުކޮށްދިނުމާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ދަށުން ޕެޓްރޯލާއި ޑީސަލް ފޮރުކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުން މަސް ބަނދު ކުރުމާއި މަހުގެ ބާވަތްތައް ފޯރުކޮށް ދިނުމުގައި އެންމެ އިސްކޮށް އުޅޭ މިފްކޯއަކީ ވެސް އެސްޓީއޯގެ ސަބްސިޑަރީ ކުންފުންނެވެ.
އެސްޓީއޯއިން އެ ކުންފުނީގެ ހިއްސާ ވިއްކަން ފަށާފައިވަނީ 15 އޯގަސްޓް 2001 ވަނަ އަހަރުގައެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބަހަން މިހާރު ވަނީ ފާސްކޮށްފައެވެ. އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ އަދަދު 58 ރުފިޔާގައި ހިފެހެއްޓިފައި އޮންނަތާ ދެ އަހަރުވީއެވެ. އެސްޓީއޯ އިން 2018 ވަނަ އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 58 ރުފިޔާއެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 100 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ ކަމަށް އެކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އާ އަޅާ ބާލައިރު މި އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 100 މިލިއަން ރުފިޔާއަކީ 5 ޕަސެންޓް އިތުރު ވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައި ވަނީ 94 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
އަދި މި ކުއާޓަރުގައި ޖުމްލަ އާމްދަނިއެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކަައެވެ. އެ ކުންފުންޏަށް މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބުނު ކަމަށް މާލީ ރިޕޯޓުން ދައްކައެވެ. އެގޮތުން ވިޔަފާރި ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި އެސްޓީއޯއިން 19 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން މި ކުއާޓަރުގައި ވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އެ ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލުންނެވެ. އެއީ 818 މިލިއަން ރުފިޔާއެވެ. އަދި އެ ނޫން ދާއިރާ ތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
އެސްޓީއޯ ތަރައްގީ ވެގެންދިޔައިރު ކުންފުނީގެ މުވައްޒަފުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 1978 ގައި ކުންފުނީގައި 60 މުވައްޒަފުން ތިބި ނަމަވެސް، މިއަދު އެކުންފުނީގައި 2057 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެތެރެއިން 1,666 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ ގޮތުގައި 391 މީހުން މަސައްކަތް ކުރެއެވެ. އެސްޓީއޯއަކީ ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ.