ނަފްސާނީ ބަލިތަކަކީ މީހާގެ ދީންވެރިކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ޙުތުބާގައި ބުނީ ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭ އެއްފަދައުން ފަރުވާ ހޯދަން ޖެހޭ ބައްޔެއް ކަމަށެވެ. އަދި ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހާ މޮޔަވުން ނޫން ކަމަށާއި، އެއީ މީހާގެ ދީންވެރިކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ވެސް ޙުތުބާގައި ބުނެއެވެ. އަދި އެންމެ ދީންވެރި މީހާއަށް ވެސް އެހެނިހެން ބަލިތައް ޖެހޭ ފަދައިން ނަފްސާނީ ބައްޔެއް ޖެހިދާނެ ކަމަށް ޙުތުބާގައި ބުނެއެވެ.

އެއްވެސް ބައްޔަކަށް ފަރުވާ ހޯދުމުގައި ފަސް ނުޖެހުމަށް ގޮވާލަމުން ޙުތުބާގައި ބުނީ، ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާ މީހާ އަކީ އީމާންކަން ބަލިކަށި މީހެއް ކަމަށް ނުނިނުމަށް ގޮވާލާފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުން ފަދަ ކަމަކަށް ވާސިލުވެވުމުގެ ކުރިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް ގޮވާލާފައި ވެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ޙުތުބާގައި ގޮވާލާފައި ވާއިރު، ނަފްސާނީ ބަލިތަކަކީ ދީނާ ދުރުވުމުގެ ސަބަބުން މީހާ ތަހަންމަލު ކުރަން ޖެހޭ ބަލިތަކެއް ކަމަށް ދެކޭ ބަޔަކު ވެސް އުޅެއެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ބަލިތަކަށް ފަރުވާ ނުހޯދާ، ނަމާދުކޮށް ޤުރުއާން ކިޔެވުމަށް ބައެއް ފަރާތްތަކުން ނަސޭހަތް ދެއެވެ. ބައެއް ފަރާތްތަކަށް ގަބޫލު ކުރެވޭ ގޮތުގައި ނަފްސާނީ ބައްޔަކީ މީހާ މޮޔަވުމެވެ. ނަމަވެސް ނަފްސާނީ ބަލިތަކަކީ އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ ހޯދަން ޖެހޭ ބަލިތައް ކަން ސިއްހީ ހޯދުންތަކުން އެނގެން އެބަ ހުއްޓެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހުކުރު ޙުތުބާގައި ގޮވާލާފައި ވައިރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ނަފްސާނީ ބަލިމަޑުކަމެއް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން، ނަފްސާނީ ބަލިތައް އެތައް ގުނައެއް އިތުރުވެފައިވާކަން އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތުން ވެސް މައުލޫމާތު ދެއެވެ.