މާޝަލް އައިލަންޑްސްގެ ޖަޒީރާ ރަށެއްގެ ގޮނޑުދޮށަށް އުރި، ފަޅުވެފައިވާ ބޯޓެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ފަޅަށް އޮތް ބޯޓުގެ ތެރެއިން މަސްތުވާތަކެތި ހޯދީ މާޝަލް އައިލަންޑްސްގެ ފުލުހުންނެވެ. މިއީ މާޝަލް އައިލަންޑްސްގެ ތާރީހުގައިވެސް، އެއް ފަހަރާ މިހާ ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

ފަޅު ބޯޓު ތެރެއިން، 649 ކިލޯގްރާމް (1430 ޕައުންޑް)ގެ ކޮކެއިން ފެނިފައި ވާއިރު، މި ތަކެތީގެ ބާޒާރުމަތީ އަގަކަކީ 80 މިލިއަން ޑޮލަރު ނުވަތަ 61 މިލިއަން ޕައުންޑް ކަމަށް ހަބަރު ލިބެއެވެ.

މާޝަލް އައިލަންޑްސްގެ ފުލުހުން ބުނީ، 2 ޕެކެޓެއް ފިޔަވާ އެހެން ހުރިހާ އެއްޗެއް މިހާރު ނައްތާލާފައި ވާ ކަމަށެވެ. 2 ޕެކެޓަކީ، އިތުރު ތަހުލީލަށް، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަނަށް ފޮނުވި ސާމްޕަލްނ ކަމަށް މައުލޫމާތު ލިބެއެވެ.

މާޝާލް އައިލަންޑްސްގެ އައިލޫކްއޭ ކިއާ އަތޮޅުގެ ރަށެއްގެ ގޮނޑުދޮށަށް އުރިފައި އޮތް ބޯޓު އެންމެ ފުރަތަމަ ފެނުނީ، އާންމު ރައްޔިތަކަށެވެ. 5.5 މީޓަރުގެ ބޯޓު އެހެން ތަނަކަށް ގެންދިއުމަށް އާންމު ރައްޔިތުން މަސައްކަތް ކުރި ކަމަށާ، ނަމަވެސް ބަރު ކަމުން އެކަން ނުވީ ކަމަށް ހަބަރު ލިބެއެވެ.

ޕެސިފިކް ކަނޑުގެ ޖަޒީރާއެއް ކަމަށްވާ މާޝަލް އައިލަންޑްސްއަށް ލެއްގި ބޯޓުގައި ހުރި ކޮކެއިން ޕެކެޓްތައް / ފޮޓޯ: ގެޓީއިމޭޖަޒް

މަޝާލް އައިލަންޑްސްގެ އެޓާނީ ޖެނެރަލް ރިޗާޑް ހިކްސަން ވިދާޅުވީ، ކަނޑުމަތީގައި މި ބޯޓު އޮޔާދާތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، ބެލެވޭ ގޮތުގައި މި ބޯޓަކީ ދެކުނު ނުވަތަ ސެންޓްރަލް އެމެރިކާ ސަރަހައްދުން ދަތުރު ފެށި ބޯޓެއް ކަމަށެވެ.

ޕެސިފިކް ކަނޑުގެ އޮއެ ހުންނަ ގޮތުން މާޝަލް އައިލަންޑްސްއަށް މިފަދަ ބޯޓުތައް ލެއްގުމަކީ އާންމު ކަމެއް ނަމަވެސް، މިފަހަރު ފެނުނު ތަކެތީގެ އަދަދަކީ ރެކޯޑެކެވެ. މި ގޮތަށް ފެންނަ މަސްތުވާތަކެތި، ފުލުހުންނާ ހަވާލު ކުރުމުގެ ބަދަލުގައި، އާންމުން ވެގެން ވިއްކާލާ ކަމަށް ހަބަރު ލިބެއެވެ.

މަސްތުވާތަކެތީގެ ވަބާ ބޮޑުވެ، ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަން، މާޝާލް އައިލަންޑްސްގެ ކަމާ ބެހޭ ފަރާތްތަކުން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.