ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ފުރަތަމަ ހައްގުވެރިންނަކީ ކޮބައިކަން ކަނަޑައެޅުމަށް އެހީވެދޭ "ކަލްކިއުލޭޓަރެއް" އީޖާދު ކޮށްފިއެވެ.

ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ރީސާޗަރުން ތަރައްގީ ކުރި މި "ކަލްކިއުލޭޓަރަކީ" ކޮވިޑް-19 ޖެހުމުން ފުރާނައަށް ނުރައްކާވެ، މަރާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު މީހުން ދެނެގަނެ، ވެކްސިން ހައްގު މީހުން ގިންތި ކުރުމަށް އެހީވެދޭ ނިޒާމެކެވެ.

މި ކަލްކިއުލޭޓަރު ނިޒާމު ފަރުމާ ކޮށްފައި ވަނީ، އާބާދީގެ އިޖުތިމާއީ ވަނަވަރާއި އެ އާބާދީއެއްގައި ހުރި އެކި މައްސަލަތައް ލޮގުކޮށް، ނަތީޖާ މުރާޖާ ކުރެވޭ އުސޫލަކުންނެވެ.

މި ކަލްކިއުލޭޓަރު އީޖާދު ކުރި ދިރާސާ ޓީމުން ވަނީ، މިއީ ވެކްސިން މަޝްރޫއު ހިންގުމުގެ ޒިންމާއާ މަތިކޮށްފައިވާ އާންމު ސިއްހަތުގެ ދާއިރާގެ ފަރާތްތަކަށް މުހިންމު ޓޫލަކަށް ވާނެ ކަމަށް އުއްމީދު ކުރާކަން ހާމަކޮށްފައެވެ.

އެމެރިކާގައި މިހާރުވެސް މި ނިޒާމު ބޭނުން ކުރަން ފަށާފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެގޮތުން އެމެރިކާގައި އެންމެ ނުރައްކާ ގިންތިތައް ދެނެގަތުމަށް، ދިރާސާ ޓީމުން ވަނީ ޕޮލިސީމެޕް އިންކޯޕަރޭޝަންއާ ގުޅިގެން، އެމެރިކާއަށް ހާއްސަ ޗާޓެއްވެސް އެކުލަވާލާފައެވެ.

އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ސިއްހީ ހިދުމަތްތެރިންނާއި އާންމުންނަށްވެސް މި ކަލްކިއުޓޭރު ނިޒާމުގެ ބޭނުން ހިފޭނެ އިންތިޒާމް، ދިރާސާ ޓީމުން ވަނީ ހަމަޖައްސާފައެވެ.