އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވިި އާސަނަލް ރޭ ސައުތްހެމްޓަންއާ ދެކޮޅަށް ނިކުމެ 1-1ގެ ނަތީޖާއެއް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ މިސީޒަންގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ސައުތްހެމްޓަނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 11 ވަނަ މިނެޓްގައި އާސަަނަލްގެ ކުރީގެ ފޯވަޑް އަދި މިހާރު ސައުތްހެމްޓަންއަށް ކުޅޭ ތިއޯ ވޯލްކޮޓެވެ.

ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން އާސަނަލްގެ ކޯޗު މިކެލް އާޓެޓާއަށް އެކި ފަރާތް ފަރާތުން ފިއްތުންތައް އަންނަމުންދާ އިރު އާސަނަލްއިން ވަނީ ފަހަތުން އަރާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 52 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ޕިޔޭ އެމެރިކް އޮބަމިޔޭންގެވެ.

އާސަނަލްއިން މެޗު ނިންމާފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އެޓީމުގެ ގެބްރިއަލް ކުރި ފައުލަކާ ގުޅިގެން ދެ ރީނދޫ ކާޑު ހަމަވެ ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. މިމެޗުގެ ކުރިން އާސަނަލްއިން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އެޓީމުގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މެޗު ނިމެން ދިޔަ އިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސައުތްހެމްޓަންއަށް ލިބުނު ނަމަވެސް މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު އާސަނަލް އޮތީ ކުޅުނު 13 މެޗުން 14 ޕޮއިންޓް ހޯދައިގެން ތާވަލުގެ 15 ވަނައިގައެވެ.

ސައުތްހެމްޓަން އޮތީ 13 މެޗުން 24 ޕޮއިންޓް ހޯދައިގެން ތިން ވަނައިގައެވެ.

ރޭ ލެސްޓާ ބަލިކޮށް އެވަޓަން ވަނީ ތާވަލުގެ 5 ވަނައަށް ޖެހިލާފައި/ ފޮޓޯ: އީޕީއެލް ޓުވިޓާ

ރޭ ލީގުގައި ކުޅުނު އެހެން މެޗަކަށް ބަލާ އިރު އެވަޓަން ވަނީ ލެސްޓާގެ ދަނޑުގައި އެޓީމު 2-0 އަކުން ބަލިކޮށް ތާވަލުގެ ގަދަ ފަހަކަށް އަރާފައެވެ. މެޗުގައި އެވަޓަންއިން ޖެހި ދެލަނޑު މެޗުގެ ދެހްފާގައި ފެނިގެން ދިޔަ އިރު މެޗުގެ 21 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރިކާލްސަންއެވެ.

ދެވަނަ ހާފްގައި މެޗުގެ 72 ވަނަ މިނެޓްގައި އެވަޓަންގެ ދެވަނަ ލަނޑު އެޓީމަށް ޖަހާ ދިނީ މޭސަން ހޯލްގޭޓެވެ. މިއީ އޭނާ އެވަޓަންއަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

މެޗު ނިމެން ދަނިކޮށް އެވަޓަންގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ލެސްޓާގެ އެޔޯޒީ ޕެރާޒްއަށް އެވަޓަންގެ އެންޑްރޭ ގޮމޭޒް ކުރި ފައުލަކަށް މެޗުގެ ރެފްރީ ވަނީ ލެސްޓާއަށް ޕެނަލްޓީއެއް ދީފައެވެ. އެހެން ނަމަވެސް ދަނޑުގެ އަރީމަތީގައި އިންނަ ސްކްރީނުން ފައުލްގެ ރީޕްލޭ ބެލުމަށް ފަހު މެޗުގެ ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ އެވަޓަން ވަނީ ތާވަލުގެ 5 ވަނައަށް އަރާފައެވެ. އެއީ 13 މެޗު ކުޅެ 23 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ދަށްވި ލެސްޓާ އޮތީ 13 މެޗު ކުޅެ 24 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނައިގައެވެ.