އެމްއެންޑީއެފް ނޮދަން އޭރިއާ، ޅ. މާފިފިލާފުށީގައި އަލަށް އިމާރާތްކުރާ އެގްޒެކެޓިވް ބުލޮކްގެ ބިންގާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗަމްޕާ މުހައްމަދު މޫސާ އަޅުއްވާ ދެއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއީ ޗަމްޕާގެ ދީލަތި އެހީތެރިކަމާއެކު އަޅާ އިމާރާތެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، ސިފައިންގެ އުމްރާނީ ތަރައްގީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވަމުންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެންމެހާ ސިފައިންގެ ނަމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޗަމްޕާއަށް ޝުކުރު އަދާކުރެއްވިއެވެ.

މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ނިންމަވާފައި ވަނީ ޗަމްޕާގެ އެހީތެރިކަމާއެކުގައި ކަމަށާއި މި އެގްޒެކެޓިވް ބްލޮކްގައި 6 ކޮޓަރި ހިމެނޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗަމްޕާ އާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރު ކާނަލް އިސްމާއީލް ޝަރީފް ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.