ރޭޕްގެ ޖަރީމާ ހިންގާ މީހުންނާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތުގެ މަރުހަލާގެ ދުވެލި އަވަސްކޮށް، ހަރުކަށި އަދަބުތަކެއް ދިނުމަށް ބާރު ދޭ ގޮތަށް ޕާކިސްތާނުގައި އެކުލަވާލި "އެންޓި-ރޭޕް އޯޑިނަންސް" ނުވަތަ އަމުރު، ރައީސް އާރިފް އާލްވީ ތަސްދީގު ކުރައްވައިފިއެވެ.
އާލްވީ ތަސްދީގު ކުރެއްވި އަމުރާއެކު ޕާކިސްތާނުގައި ތަންފީޒު ކުރަންޖެހޭ ކަންތަކަށް ބަލާއިރު، ޖިންސީ ގޯނާއާއި ފުރައްސާރަ ކުރާ ފަރާތްތަކުގެ ގައުމީ ދަފުތަރެއް އެކުލަވާލުން، އަނިޔާ ލިބޭ މީހުންގެ ވަނަވަރު ސިއްރު ކުރުން އަދި ޖިންސީ ގޯނާ ކުރާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ޖިންސީ އެދުންވެރިކަން ކަނޑުވާލުން ފަދަ ކަންކަން ހިމެނެއެވެ.
ރޭޕާ ގުޅޭ މައްސަލަތަކަށް ހާއްސަކޮށްގެން އަވަސް ނިޔާ ކޯޓުތަކެއް ގާއިމު ކުރާއިރު، އެންމެ ލަސްވެގެން 4 މަސް ދުވަހުގެ ތެރޭގައި ހުކަމާ ހިސާބަށް ދާންޖެހެއެވެ.
ރޭޕް ކުރުމާ ދެކޮޅަށް ޕާކިސްތާނުގައި ހަރުކަށި އަމުރެއް ތަންފީޒު ކުރަން ފަށާފައި މި ވަނީ، ލާހޯރް ސިޓީގައި، ގޭންގަކުން އަންހެނަކު ރޭޕް ކުރި މައްސަލާގައި، އާންމު ރައްޔިތުން މަގުތަކަށް ނިކުމެގެން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ އިހުމާލުވެސް އެކަމުގައި އޮތް ކަމަށް ލާހޯރްގެ އޮފިޝަލަކު ވިދާޅުވުމުން އާންމުންގެ ރުޅި އިންތިހާއަށް ގަދަވުމުން، މިފަދަ ބަދަލެއް ގެނެސްދިނުމަށް ޕާކިސްތާނުގެ ސަރުކާރަށް މަޖުބޫރުވީއެވެ.
ރައީސް އާލްވީ ތަސްދީގު ކުރައްވާފައިވާ އަމުރު، ގާނޫނު ހަދާ މަޖިލީހަށް ވައްދާ، މި އަމުރަށް ގާނޫނީ ހައިސިއްޔަތު ހޯއްދުމަށް، ޕާކިސްތާނަށް ސަރުކާރަށް އޮތީ 120 ދުވަހުގެ މުހުލަތެކެވެ. ނަމަވެސް އެ މަރުހަލާ ފުރިހަމަ ކޮށް ނިމެންދެކަށްވެސް މި އަމުރު ތަންފީޒު ކުރަމުންދާނެއެވެ.
މި އަމުރުގައި ވަނީ ހަރުކަށި އަދަބުތަކެއް ކަމަށް ބުނެ، ފާޑުކިއާ ފަރާތްތައްވެސް ޕާކިސްތާނުގައި އެބަތިބިކަން ފާހަގަ ކުރަންޖެއެވެ. ނަމަވެސް މިފަދަ ޖަރީމާ ހިންގާ މީހުންގެ ޖިންސީ އެދުންވެރިކަން ކުޑަ ކުރުމަށް ކެމިކަލް (ޑްރަގް/ބޭސް) ބޭނުން ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނީ ހައިސިއްޔަތު އޮވެގެން ކުރަމުން އަންނަ ކަމެކެވެ.