ރަޝިއާގެ މަގުބޫލު އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ވިހަ ދިނީ، ރަޝިއާގެ މައި ސަރުކާރުގެ ޖާސޫސީ އޭޖެންސީ (އެފްއެސްބީ)އަށް މަސައްކަތް ކޮށްދެމުން ދިޔަ ހިޓް ސްކޮޑަކުން ކަމަށް ބުނާ ރިޕޯޓެއް އާންމު ކޮށްފިއެވެ.

އެފްއެސްބީއަށް މަސައްކަތް ކޮށްދެމުންދިޔަ ހޮޓް ސްކޮޑުން ވަނީ 2017 ވަނަ އަހަރުން ފެށިގެން ނަވާލްނީގެ ހަރަކާތްތައް ޓްރެކް ކޮށްފައި ކަމަށާއި، މި އޮޕަރޭޝަންތައް ފެށީ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާ ދެކޮޅަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތުމަށް ނަވާލްނީ ނިންމި ހިސާބުން ކަމަށް، ޖާސޫސީ ވެބްސައިޓް "ބެލިންގްކެޓް"ގައި ރިޕޯޓް ކޮށްފައި ވެއެވެ.

"ބެލިންގްކެޓް" އިން ބުނާ ގޮތުގައި، 30 އަށް ވުރެ ގިނަ މަންޒިލްގައި ހިޓް ސްކޮޑްއިން ވަނީ ނަވާލްނީއަށް ފަރާލާފައެވެ.

"ދި އިންސައިޑާ" އާއ "ބެލިންގްކެޓް" ގުޅިގެން ހިންގި ތަހުގީގުތަކުން ހާމަވި ގޮތުގައި، ވިހަ މާއްދާތަކުގެ މަސައްކަތް ކުރަމުންދިޔަ ގުރޫޕަކުން ނަވާލްނީއަށް ވިހަ ދިން ކަމަށް ބުނާއިރު، އިނގިރޭސިވިލާތުގެ މީޑިއާއަކުން ވަނީ، ދެ ވަނަ ފަހަރަށްވެސް ނަވާލްނީ ވިހަ ކުރުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރާ ރިޕޯޓެއް ފެންމަތިކޮށްފައެވެ.

ދެވަނަ ފަހަރަށް އެކަން ކުރީ، އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ނަވާލްނީ ގެންދާއިރު، އޭނާ މަރާލުމަށް ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. ނަމަވެސް، ނަވާލްނީގެ ފުރާނަ ސަލާމަތް ވީ، އެމްބިއުލާންސް ކުރޫއިން އޭނާއަށް ދިން ފަރުވާއެއްގެ ސަބަބުން ކަމަށް ލަފާކޮށްފައިވެއެވެ.

ނަވާލްނީ ވިހަވީ ސައިބީރިއާއިން މޮސްކޯއަށް ފުރުމުގެ ކުރިން އެއާޕޯޓް ތެރެއިން ބުއި ސައިތައްޓެއްގެ ސަބަބުން ކަމަށް ނަވާލްނީގެ ޓީމުން ކުރިން ތުހުމަތު ކުރި ނަމަވެސް، އެއާޕޯޓަށް ދިއުމުގެ ކުރިން އޭނާ ހުރި ހޮޓަލުން ނެގި ބައެއް ތަކެތީގެ ތެރެއިން ފުޅިއެއްގައި ނޮވިޗޯކްގެ އަސަރު ހުރިކަން ޖަރުމަނުވިލާތުގެ ލެބޯޓްރީއަކުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.