ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކަރުން ހިންގަމުންދާ ސިލްސިލާ ޖަރީމާތަކުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި، އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި ދިރިއުޅެމުންދާ އެ ދަރިކޮޅުގެ މީހުން، ހުށަހެޅި މައްސަލަ ބަލައިގަތުމަށް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރުން އިންކާރު ކުރައްވައިފިއެވެ.

ޗައިނާގެ އާބާދީގެ ނިސްބަތުން ބައިމަދު، ވީގޫރު ދަރިކޮޅުގެ މީހުން ހައްޔަރު ކޮށް، ކޭމްޕުތަކުގައި ބަންދުކޮށް، އަންހެނުންނަށް ދަރިން ނުލިބޭ ގޮތް ހެދުން ފަދަ ލާއިންސާނީ ޖަރީމާތަކުގެ ހެކިތަކާއެކު، އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައި އުޅޭ ވީގޫރު ދަރިކޮޅުގެ މީހުން ވަނީ، ވަރުގަދަ ފައިލެއް، މިދިޔަ ޖުލައި މަހުގެ ތެރޭގައި އައިސީސީއަށް ފޮނުވާފައެވެ.

ނަމަވެސް، އައިސީސީގެ ޕްރޮސެކިއުޓަރު، ފަތޫ ބިންސޫދާގެ އޮފީހުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، މި މައްސަލާގައި ފިޔަވަޅެއް އެޅުމަށް ފުރުސަތު ނެތް ކަމަށާ، އެ ފުރުސަތު ނެތީ، ބަޔާން ކުރާ ތުހުމަތުތަކަކީ ޗައިނާގެ ފަސްގަނޑުގައި ހިންގާފައިވާ ކަމަށް ބުނާ އަމަލުތަކަކަށް ވުމުން ކަމަށާ، ޗައިނާއަކީ އައިސީސީގެ މެމްބަރެއް ނޫން ކަމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަން ހިންގާފައިވަނީ ޗައިނާގެ ސަރަހައްދީ އިމުގެ ތެރޭގައި ކަމަށް ވާއިރު، އެއީ އައިސީސީ އިހުތިސޯސުން ބޭރު ސަރަހައްދެއް ކަންވެސް ބިންސޫދާގެ އޮފީހުން އާންމު ކުރި ރިޕޯޓްގައިވެއެވެ. އަދި މަޖުބޫރުން، ގައުމުން މީހުން ބޭރު ކުރި ކަމަށް ބުނާ މައްސަލާގައި ކުރިއަށް ދިއުމުގެ އަސާސެއް ނެތް ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

ކަންމިހެން އޮތް ނަމަވެސް، އަރުވާ ލެވިގެން ގައުމުން ބޭރުގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މީހުން ބުނަމުންދަނީ، މިއީ އައިސީސީއަށް ބެލޭނެ މައްސަލައެއް ކަމަށާ، އެހެންނީ ގައުމުން މީހުން ބޭރު ކުރުމުގެ ކަންކަން ހިނގާފައި ވަނީ ތަޖިކްއާއި ކެމްބޯޑިއާގެ ސަރަހައްދީ އިމުގެ ތެރޭގައި ކަމަށާ، މި ތަންތަނަކީ އައިސީސީގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދުތަކެއް ކަމަށެވެ.

ޗައިނާއިން އަދިވެސް ދަނީ، ވީގޫރު މައްސަލާގައި ފެންމަތި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކޮށް، ދިފާއަށް ވަކާލާތު ކުރަމުންނެވެ.