މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޯރަޓް) ޑައިރެކްޓަރުގެ މަގާމަށް އިންޑިއާގެ ރައްޔިތެއް ހަމަޖެއްސުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާބިލް އެތައް ދިވެހި ދަރިން ތިބި ކަމަށާއި އަދި ދިވެހި ދަރިންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ކުންފުނިތަކުގެ އެންމެ ބޮޑެތި މުސާރަ ދޭ މަގާމުތަކަށް ބިދޭސީން ހާއްސަ ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ވަކި ގައުމެއްގެ ބަޔަކު "ޖަމާ ކުރުމާ ދޭތެރޭ" ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލްގެ އޯރަޓް ޑައިރެކްޓާގެ މަގާމަށް އައްޔަނުް ކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަޖޫ ޗެރިއަންއެވެ. އެމްއޭސީއެލް އިން ބުނީ މަޖޫ ޗެރިއަން އެ ކުންފުންޏާ ގުޅޭނީ ޑިސެމްބަރު 14، 2020 އިން ފެށިގެން ކަމަށެވެ.

މަޖޫ ޗެރިއަން އަކީ އިންޑިއާ އާއި ބަހްރެއިންގައި އެއާޕޯޓު މެނޭޖްމަންޓް ދާއިރާގެ 22 އަހަރުގެ ތަޖުރިބާ ހުރި މީހެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ބަހްރެއިން އެއާޕޯޓްސް ކޮމްޕެނީގައި ކަމަށާއި އެ ކޮމްޕެނީގައި ވެސް އޭނާ އަދާކޮށްފައި ވަނީ އޯރަޓް ޑިރެކްޓަރުގެ މަގާމު ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ވަނީ އޭނާގެ އިލްމާއި ތަޖުރިބާއިން އެމްއޭސީއެލް އަށް ފައިދާ ކުރާނެ ކަމަށް ބުނެފައެވެ.