ވެކްސިންގައި އެކުލެވޭ ފޯމަލްޑީހައިޑްގެ ސަބަބުން، ކުޑަކުދިންނަށް ލޭގެ ކެންސަރު ޖައްސާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަނީ އެއްވެސް ބުރަދަނެއް ނެތް، ދޮގު މައުލޫމާތުތަކެއް ކަމަށް އޭއެފްޕީ ފެކްޓް ޗެކްއިން ރިޕޯޓްކޮށްފިއެވެ.
ވެކްސިންގައި އެކުލެވޭ ފޯމަލްޑީހައިޑްއަކީ ކުޑަކުދިންނަށް ލޭގެ ކެންސަރު ޖައްސާ މާއްދާއެއް ކަމަށް ބުނާ ޕޯސްޓްތައް، ފޭސްބުކްއާއި އިންސްޓަގްރާމްގައި އެތައް ސަތޭކަ ފަހަރު ހިއްސާކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ކަން މިހެން އޮތް އިރު، ތަޖުރިބާކާރުންނާ ހަވާލާދީ، އޭއެފްޕީ ފެކްޓް ޗެކްއިން އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ވެކްސިންގައި އެކުލެވޭ ފޯމަލްޑީހައިޑްގައި ޅަފަތުގައި ލޭގެ ކެންސަރު ޖެހުމާ ގުޅުމެއް އޮތް ކަން އަދާ ޖެހުނު އިރުވެސް އެނގެން ނެތް ކަމަށެވެ.
ވެކްސިންގައި އެކުލެވޭ ފޯމަލްޑީހައިޑްއާ ޅަ އުމުރުގައި ލޭގެ ކެންސަރު ޖެހުމާ ގުޅުމެއް އޮތް ކަމަށް ބުނާ ޕޯސްޓް އެންމެ ފުރަތަމަ އާންމު ކުރީ އޮސްޓްރޭލިއާގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކުން، މި މަހުގެ 1 ވަނަ ދުވަހުއެވެ.
އެޕޯސްޓްގައި ބުނެފައިވަނީ އެމީހަކީ އެމްބާމާ ނުވަތަ އިންސާނަކު މަރުވުމަށް ފަހު ގިނަ ދުވަހަށް، ކުނި ނުވާނެ ގޮތަށް މަސްގަނޑު ރައްކާ ކުރުމުގެ ކެމިކަލް މަރުހަލާ ފުރިހަމަ ކުރުމުގެ ދާއިރާގައި 18 އަހަރު މަސައްކަތް ކޮށްފައި ވާ މީހެއް ކަމަށެވެ. އެމްބާމް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް އެންމެ އާންމު ކޮށް ޖެހެނީ ލޭގެ ކެންސަރު ކަމަށާ، އެއީ ފޯމަލްޑީހައިޑަށް އެ މީހުން ހުށަހެޅުމުގެ ސަބަބުން ކަމަށްވެސް އޭނާ ވަކާލާތު ކޮށްފައި ވެއެވެ. މިއަދު ބޮޑެތި މީހުންގެ ގޮތުގައި ތިބި މީހުންނަށް ވުރެ އަދުގެ ޖީލުގެ ކުދިންނަށް ދޭ ވެކްސިންގެ އަދަދު އިންތިހާއަށް އިތުރުވެފައި ވާ ކަމަށާ، ވެކްސިންގައި އެކުލެވޭ އެއް މާއްދާއަކީ ފޯމަލްޑީހައިޑް ކަމަށެވެ. ފޯމަލްޑީހައިޑަކީ ވެކްސިން ގިނަ ދުވަހަށް ދެމެހެއްޓުމަށް އެއްކޮށްފައިވާ މާއްދާއެކެވެ. ލޭގެ ކެންސަރަކީ ކުޑަކުދިންގެ މެދުގައި އެންމެ އާންމު ކެންސަރެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މި ދައުވާ ދައުރު ކުރަމުންދާ މިދަނޑިވަޅަކީ މުޅި ދުނިޔެ އިނދަޖައްސާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކޮށް، އެތައް ހާސް ބަޔަކަށް ވެކްސިން ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ދަނޑިވަޅެކެވެ.
ކަން މިހެން އޮތް އިރު ފާހަގަ ކުރަންޖެހޭ ކަމަކީ ވެކްސިންގައި އެކުލެވޭ ފޯމަލްޑީހައިޑްގެ ސަބަބުން ޅަފަތަށް ކެންސަރަށް މަގުފަހި ކުރުމާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކެމެވެ. މިފަދަ ހެއްކެއް ލިބިފައި ނުވާކަމަށް އޮސްޓްރޭލިއާ ކެންސާ ކައުންސިލްގެ ތަރުޖަމާނަކުވެސް ވިދާޅުވި ކަމަށް އޭއެފްޕީ ފެކްޓް ޗެކްއިން ވަނީ ރިޕޯޓްކޮށްފައެވެ.
ވޯލްޓާ އެންޑް އެލިޒަބަތު ހޯލް ރިސާޗް އިންސްޓިޓިއުޓްގެ ސީނިއާ ރިސާޗް އޮފިސާރ ޑރ ސިއޯންގް ލިން ހޯވް ވިދާޅުވާ ގޮތުގައި، ވެކްސިންގައި ފޯމަލްޑީހައިޑް އެކުލެވެނީ އިންސާނާގެ ހަށިގަނޑަށް ރައްކާތެރި މިންވަރަކަށެވެ. އިރުގެ އަވިން ކެންސަރު ޖެހެނީ އާދަޔާ ހިލާފު ގަދައަށް އެ އަތްވަށް ހުށަހެޅިގެން ކަމަށް ވާއިރު، ފޯމަލްޑީހައިޑްގެ ހާލަތުގައިވެސް މިކަން އޮތީ މިހެން ކަމަށް ޑރ ސިއޯންގް ވަނީ މިސާލު ޖައްސަވާފައެވެ.
ކަން މިހެން އޮތް ނަމަވެސް ސިއްހީ އެކި މަރުހަލާތަކާ އެމްބާމް ކުރުން ފަދަ މަސައްކަތްތަކުގައި އުޅޭ މީހުން ފޯމަލްޑީހައިޑަށް ހުށަހެޅޭއިރު، އެފަދަ މީހުންނަށް، ލޭގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް، އެމެރިކަން ކެންސާ ސޮސައިޓީއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމްބާމް ކުރުމުގެ މަސައްކަތުގައި ފޯމަލްޑީހައިޑްއަށް ހުށަހެޅޭ މިންވަރާއި، ވެކްސިންގެ ސަބަބުން ފޯމަލްޑީހައިޑަށް ހުށަހެޅޭ މިންވަރުގައި ބޮޑު ފަރަގެއް އޮތްކަން، ޔުނިވާސިޓީ އޮފް ޓޮރޯންޓޯގެ ސެންޓާ ފޯ ވެކްސިން ޕްރިވެންޓަބަލް ޑިޒީޒަސްގެ ޑައިރެކްޓާ ޑރ ނަޓާޝާ ކްރޯކްރޮފްޓް ވަނީ ވިދާޅުވެފައެވެ.
ލޫކީމިއާ ފައުންޑޭޝަންގެ ޖެނެރަލް މެނޭޖަރު ކެތުރީން ހަންޓްލީ ވިދާޅުވާ ގޮތުގައި، ކުޑަކުދިންނަށް ލޭގެ ކެންސަރު ޖައްސަނިވި ނުރައްކާތައް އަދިވެސް ސާފެއް ނުވެއެވެ.