ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބަށް ގަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމަހު ނުވަ ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 6961.50 ރުފިޔާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅައެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 5128.90 ރުފިޔާއެވެ.

ޖޫން 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައި ވެއެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި 33.3 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.