ހަގީގަތް ނޭނގޭ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެވިކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. ވައިރަހުގެ އަސްލު ފެށުމަކީ ކޮބައިކަން ދެނެގަނެވިފައި ނުވާތާ ފަރުވާއެއްވެސް ނެތެވެ. މިފަދަ ނުރައްކާތެރި ވައިރަހަކުން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރީ ތާރީހު ނުދެކޭ ހަލުވި މިނުގައެވެ. އެހެން ނޫނީ 10 އަހަރު ހޭދަވާ ކަމެއް އެންމެ 10 އަހަރުން ނިންމާލީ، ޒަމާނީ ޓެކްނޮލޮޖީ ދުނިޔެއާއި އެ ދުނިޔެއިން ބޭރުގެ އެންމެން އާޝޯހް ކުރުވަމުންނެވެ.

ވެކްސިނެއް ކާމިޔާބުވުމަކީ އަދި ނިމުމެއް ނޫނެވެ. ސިއްހީ ނަޒަރިއްޔާއިން އެކަންޏެއް ނޫނެވެ. ފަންނީ ގޮތުންނާއި ޓެކްނޮލޮޖީ އަދި ލޮޖިސްޓިކްސް ގޮތުންވެސް ބޮޑެތި ގޮންޖެހުންތައް އަދި އޮތީ ކުރިއަށެވެ. މިހާތަނަށް އެންމެ ކާމިޔާބު ކަމަށް ބުނާ ކޮވިޑް ވެކްސިނަކީ އިންތިހާ ފިނިމިނުގައި ބަހައްޓައިގެން އެއްތަނުން އަނެއް އުފުލާ، ރައްކާ ކުރަންޖެހޭ ވެކްސިނަކަށް ވާއިރު، މިއީ ކޮންމެ ކޮންމެ ތާކު ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން، ވެކްސިނެއް ހޯދުމަށް ކުރިމަތިވި ގޮންޖެހުމާ އެއްވަރުގެ ނުވަތަ އެ އަށްވުރެވެސް ބޮޑު ގޮންޖެހުމަކަށް މިކަން ވެއްޖެއެވެ.

ކޮވިޑް-19 އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އަސްޓްރާ ޒެނީކާ

ކޮވިޑް-19ގެ ވެކްސިން ފިނިކަންމަތީގައި ފޯރުކޮށްދިނުމަށް އެއް ކުންފުނިން ހައްލު ހޯދަން އަމާޒު ހިފީ، ކަނޑުމަހުގެ ތަޖުރިބާއަށް ބިނާކޮށެވެ.

ތާމޯ ކިންގްއަކީ، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ފިނިހޫނުމިން ކޮންޓްރޯލް ކޮށްގެން އެއްތަނުން އަނެއް ތަނަށް ކާބޯތަކެތި އުފުލުމުގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ، މުޅި ދުނިޔެ އެ ވެކްސިނަކަށް ފެންބޮވައިގެންފައިވާ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި، ކުންފުނިތަކާ ސަރުކާރުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކޮށްދިނުމަށެވެ. ތާމޯ ކިންގްއިން ދަނީ ވެކްސިންގެ ކޮލިޓީއާއި ރައްކާތެރިކަމަށް ބަދަލެއް ނާންނެ ފަދަ ގޮތަކަށް، ދުނިޔޭގެ އެކި ހިސާބުތަކަށް ވެކްސިން ޑޯޒްތައް ފޯރުކޮށްދިނުމުގައި ޒިންމާދާރު މައްސޫލިއްޔަތެއް އަދާ ކުރަމުންނެވެ. މަސައްކަތް ކާމިޔާބު ކުރުން އަދިވެސް އޮތީ ކުރިއަށެވެ.

ކޮވިޑް-19 ވެކްސިން އުފުލުމަށް ހާއްސަކޮށްގެން ތާމޯ ކިންގްއިން ތަރައްގީ ކުރި ކޮންޓޭނަރު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޑޯލްފިން ކޮންޓޭނާ އެޗްކޭ ލިމިޓަޑް

މި އަމާޒަށް ވާސިލުވުމަށް ތާމޯ ކިންގްއިން ބަރޯސާވީ ތާޒާ ކަނޑުމަސް، ޖަޕާނަށް އުފުލުމުގައި ބޭނުން ކުރާ ފިނިކުރާ ކޮންޓޭނަރުތަކަކަށެވެ. އެ ކޮންޓޭނަރު ހުރި ގޮތަކަށް ނޫނެވެ. ނަމަވެސް އެކަށީގެންވާ ބަދަލުތަކެއް ގެނެސްގެން ކަން، ތާމޯ ކިންގް ރައީސް ފްރާންޗެސްކޯ އިންކަލްޒާ ވިދާޅުވިއެވެ.

ތާޒާ ރޯމަހަކީ އެ ބާނާ ހިސާބުން ފެށިގެން މާކެޓަށް ނެރުމާ ހިސާބަށްވެސް އޭގެ ރަތްކުލައަށް ބަދަލެއް ނައިސް، ކޮލިޓީއަށްވެސް ބަދަލެއް ނައިސް އޮންނަ އެއްޗަކަށް ވާންޖެހޭއިރު، މިކަން ކުރުމަށް މަސް ރައްކާ ކުރަން ޖެހެނީ މައިނަސް 60 ޑިގްރީ ސެލްސިއަސް ނުވަތަ މައިނަސް 76 ފެރެންހައިޓްގައި ކަމަށް އިންކަލްޒާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކޮށްފައިވާ ވެކްސިނަކީ އެއްތަނުން އަނެއް ތަނަށް އުފުލާ ޓްރާންސިޓް ކޮށް، ރައްކާ ކުރާއިރުވެސް މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ބަހައްޓަންޖެހޭ ވެކްސިނެކެވެ.

އަޔަލަންޑަށް ނިސްބަތްވާ ތާމޯ ކިންގްއިން ހައްލު ހޯދީ މަސް ބަންދުކުރާ ފިނިކުރާ ކޮންޓޭނަރުތަކަށް ބަދަލު ގެނެސްގެންނެވެ. އިތުރު އިންސުލޭޝަންއަޅާ، ފިނިކުރާ ނިޒާމަށް ބަދަލު ގެނެސް، އިންތިހާއަށް ފިނި ކުރެވޭ ގޮތް ހެދީއެވެ. 20 ފޫޓުގެ މި ކޮންޓޭނަރުތަކަކީ 300000 ޑޯޒްގެ ވެކްސިން އުފުލޭ ކޮންޓޭނަރުތަކެކެވެ. އެއްގަމާ ކަނޑުމަގުން ވެކްސިން އުފުލާ މަންޒިލްތަކަށް މި ކޮންޓޭނަރުގައި ވެކްސިން އުފުލޭނެއެވެ.

ކޮވިޑް-19 ވެކްސިން އުފުލުމަށް ހާއްސަކޮށްގެން ތާމޯ ކިންގްއިން ތަރައްގީ ކުރި ކޮންޓޭނަރު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ބިޒްނަސް ޖާނަލްސް

ތާމޯ ކިންގްގެ މި އިންގިލާބީ އުފެއްދުން ބައެއް ފަރާތްތަކުން މިހާރު ވަނީ ގަނެފައެވެ. އަނެއް ބައި ކޮންޓޭނަރުތައް ވަނީ މަންޒިލްތަކަށް މިސްރާބު ޖަހާފައެވެ.

މި ކޮންޓޭނަރުތައް މި ގޮތަށް "މޮޑިފައި" ކުރުމަކީ އެތައް އަހަރެއް ހޭދަވާ ކަމެކެވެ. ނަމަވެސް ވެކްސިންގެ ދުވެލި މެކުހަށް ޖެހި ފަދައިން، ކޮންޓޭނަރުތައްވެސް އަޕްގްރޭޑް ކުރީ ރެކޯޑް ހަލުވި މިނެއްގައި ކަން ފާހަގަ ކުރަންޖެހެއެވެ.

ހުރިހާ ސަމާލުކަމެއް ފްރީޒަރުތަކަށް

ޒަމާނީ ބޭސްވެރިކަމާ ގުޅިފައިވާ އުފެއްދުންތަކަކީ އާންމު ގޮތެއްގައިވެސް 2 -8 ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނި މިނެއްގައި ރައްކާ ކުރަން ޖެހޭ އުފެއްދުންތަކެކެވެ. ނަމަވެސް ވެކްސިން އުފެއްދުމުގެ ތާރީހުގައިވެސް މުޅިން އަލަށް ހުއްދަ ދީފައިވާ އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފައިޒާއާއި މޮޑާނާގެ ކޮވިޑް ވެކްސިންތައް ތަރައްގީ ކޮށްފައި ވާ އިރު، މި ވެކްސިންތަކަކީ އިންތިހާ ފިނީގައި ބަހައްޓަންޖެހޭ ވެކްސިންތަކެކެވެ. މޮޑާނާގެ ވެކްސިނަކީވެސް މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ބަހައްޓަންޖެހޭ ވެކްސިނެކެވެ.

ސަޕްލައި ޗޭނުތަކުން ފާހަގަ ކުރާ ގޮތުގައި، ކޮވިޑް-19 ބަލިމަޑުކަމަށް ނިމުން ގެނައުމުގެ ނަމުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެކްސިން ފޯރުކޮށްދިނުމަށް އަމާޒު ހިފާފައި ވާއިރު، އެކަށީގެންވާ ފިނިކަން މަތީގައި ވެކްސިން ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި މިއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ސަޕްލަޔަރުން ގަބޫލު ކުރެއެވެ. މިކަމުގައި އޮތީ އިންތިހާއަށް ފަރުވާތެރިވުން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންތިހާއަށް ފިނިކޮށްފައިވާ ވެކްސިންތަކެއް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ކޮންޓޭނާ މެނޭޖްމަންޓް

ތާމޯ ކިންގްގެ މަސް ފުރިޖު ވެކްސިން ޗޭމްބަރަށް

ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ޝުކުރުގެ މިންވަރެއް، ތާމޯ ކިންގްގެ ބާނީން ކަމަށްވާ ފްރެޑްރިކް މެކިންލޭއާއި ޖޯސެފް ނުމޭރޯއަށް ހައްގެވެ. މި ފްރީޒަރުތަކަކީ، 1938 ވަނަ އަހަރު އެއްތަނުން އަނެއް އުފުލި ކުކުޅުމަސްތަކެއް ކުނިވެގެން އެކުވެރިއަކު ކުރި ޝަކުވާއަކަށް ހައްލު ހޯދުމަށް ޖޯންސް ތަރައްގީ ކުރި އީޖާދެކެވެ.

މިހާ ހިސާބުން ތާމޯ ކިންގްގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. 2 ވަނަ ބޮޑު ހަނގުރާމާގައިވެސް ތާމޯ ކިންގްގެ ފްރީޒަރުތަކުގެ ފައިދާ ކުރީ އިންތިހާއަށެވެ. ހަނގުރާމައިގެ ފައުޖުތަކުގެ ބްލަޑް ބޭންކާއި ކާޑު ފޮއްޓަކީވެސް މި ފްރީޒަރުތަކެވެ. 1991 ވަނަ އަހަރު، އެމެރިކާގެ ރައީސް ޖޯކް އެޗް ޑަބްލިއު ބުޝް ވަނީ މި 2 މީހުންނަށް ނޭޝަނަލް ޓެކްނޮލޮޖީ މެޑަލްވެސް އަރުވާފައެވެ. ޖޯންސްއަކީ، ކަޅު ނަސްލުގެ މީހުންގެ ތެރެއިން މި އެވޯޑް ހާސިލު ކުރި ފުރަތަމަ މީހާވެސްމެއެވެ.

2 ވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ދުށް އެންމެ ބޮޑު ކާރިސާގެ ގޮތުގައި ސިފަ ކުރަމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމަށް ނިމުން ގެނައުމަށްވެސް ތާމޯ ކިންގްއިން މިވަނީ އަނެއްކާވެސް އަތުކުރި އޮޅާލާ، ސައެންސްވެރިންނާ އަތުގުޅާލާފައެވެ.

2021 ވަނަ އަހަރު 1.3 ބިލިއަން ޑޯޒް ފޯރު ކޮށްދިނުމަށް ފައިޒާއާއި ބައޮއެންޓުން ވަނީ އަމާޒު ހިފާފަ / ފޮޓޯ: ސީބިއެސް ނިއުސް

ކޮވިޑް ވެކްސިން އުފުލުމަށް ތާމޯ ކިންގްއިން މަސް ކޮންޓޭޏަރުތައް މޮޑިފައި ކުރީ ބޭސް އުފައްދާ ފަރާތްތަކުގެ އިރުޝާދުގެ ދަށުންނެވެ. އެކަން ކާމިޔާބު ކޮށް، އިއުލާން ކުރީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ފްރީޒާ ކޮންޓޭނަރުތަކަށް އިންތިހާ ޑިމާންޑް އޮންނާނެ ކަމަށް ބަލާ، ތާމޯ ކިންގްއިން ދަނީ މި ޒާތުގެ ކޮންޓޭނަރު އުފެއްދުމަށް ޗައިނާގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކޮށްފައެވެ.

ކޮވިޑްގެ ވެކްސިންތައް އުފުލާ ނިމުމުންވެސް މި ފްރީޒަރުތަކުގެ ބޭނުމެއް ނުކެނޑޭނެ ކަމަށް ބުނެވެއެވެ.

ރޯމަހުގެ ސަޕްލައި ޗޭނުން، ވެކްސިން ޑެލިވަރީއަށް ހައްލު ހޯދުނުއިރު، ދެން އޮތީ އިންސާނުންގެ ތެރެއިންވާ ހެވެއް ނޭދޭ މީހުންގެ ހަމަލާތަކުން ވެކްސިން ޝިޕްމަންޓް ރައްކާތެރި ކުރުމެވެ. އެއީ ކަނޑިބަޑީގެ ޒަރިއްޔާއިން ނުވަތަ ސައިބާ ނެޓްވޯކުގެ ތެރެއިން އަންނަ ހަމަލާތަކުންވެސް ދިފާއު ހޯދޭ ނިޒާމަކަށް ވާންޖެހެއެވެ.