އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ ސިޓީއެއް ކަމަށްވާ އިންދޫރަށް ބަންގްލަދޭޝްއިން އަންހެން ކުދިން ގެންގޮސް، ހަށިވިއްކުމުގެ ޖިންސީ ވިޔަފާރީގެ ތެރެއަށް އެ ކުދިން ވައްޓާލުމުގެ ފަހަތުގައި އޮތް ގޭންގު ހޯދިފައި ވާ ކަމަށް، މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖު ސިންހް ޗޯހާން ވިދާޅުވެއްޖެއެވެ.

ޗޯހާން ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން 21 ކުއްޖަކު ސަލާމަތް ކޮށް، މިކަމާ ގުޅިގެން 9 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

އެއާޕޯޓްގައި ހުންނަވާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗޯހާން ވިދާޅުވީ ބަންގްލަދޭޝް އިން އަންހެން ކުދިން ގެނައުމަށް ފަހު އެކުދިން މަސްތުގެ ހާލަތަކަށް ވައްޓާލާ ކަމަށާ، އެއަށް ފަހު، ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް އެ ކުދިން ފޮނުވާލާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގު ތަކުގައި، ފުލުހުންގެ ޓީމުން ގުޖުރާތާއި އެހެންވެސް ސްޓޭޓްތައް ބަލާ ފާސްކޮށްފައި ވާ ކަމަށާ، މިކަމުގެ ފަހަތުގައި ތިބީ، ނައިޖީރިއާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކާ ގުޅިފައިވާ ގޭންގު މެމްބަރުން ތަކެއް ކަމަށެވެ. މި ވިޔަފާރީގައި ޓްރެއިނަރުންވެސް ތިބި ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.