ޓެލެކޮމް ކުންފުނި ވާވޭއާއެކު ހަދާފައިވާ ސްޕޮންސާޝިޕް ކޮންޓްރެކްޓް ބާތިލު ކުރުމަށް ނިންމާފައި ވާ ކަން، މަޝްހޫރު ފުޓުބޯޅަ ކުލަބު ބާސާއަށް ކުޅެމުން އަންނަ ފޯވަޑް، އެންޓުއަން ގްރީޒްމަން ބުނެފިއެވެ.

ވާވޭއާއެކު ހަދާފައި ވާ ކޮންޓްރެކްޓް ބާތިލު ކުރުމަށް ނިންމީ، ވީގޫރު މުސްލިމުންނާ ދެކޮލަށް ޗައިނާއިން ހިންގާ ސާވޭލަންސް ހަރަކާތުގައި އެ ކުންފުނީގެ އަތެއް ވާކަމަށް ބުނެ، ފެންމަތިވެފައިވާ ރިޕޯޓްތަކާ ގުޅިގެންނެވެ.

މިކަން ބަޔާންކޮށް އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި ގްރީޒްމަން ބުނީ، ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާގެ އެހީގައި "ވީގޫރު އެލާޓް" ތަރައްގީ ކުރުމުގައި ވާވޭއިން އެއްބާރުލުން ދީފައި ވާ ކަމަށް ވަރުގަދަ ތުހުމަތުތަކެއް ކުރެވޭއިރު، އެ ކުންފުންޏާއެކު އޭނާ ހަދާފައިވާ އެއްބަސްވުމަށް މިހާރުން މިހާރަށް ނިމުން ގެންނަ ކަމަށެވެ.

ޗައިނާގައި ދިރިއުޅޭ ވީގުރު މުސްލިމުންގެ ހަރަކާތްތަކަކީ އަބަދުވެސް މޮނިޓާ ކުރަމުންދާ ހަރަކާތްތަކެއް/ފޮޓޯ: ނިއުސްސްކިލް

ވޮޝިންގްޓަން ޕޯސްޓްގައި އާންމު ކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައި، ވާވޭ ކުންފުނިން ވަނީ، އެ ކުންފުނީގެ ކެމެރާތަކަށް ވީގޫރު ދަރިކޮޅުގެ މީހަކު އަރައިފިނަމަ، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކަށް "ވީގޫރު އެލާޓް" ދާ ގޮތް ހެދުމަށް ބާރުދޭ ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާއެއް ޓެސްޓު ކޮށްފައެވެ.

ޗައިނާގެ އާބާދީގެ ނިސްބަތުން ބައިމަދު ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް، ހުދުމުހުތާރު ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ މި ފަހުގެ ތާރީހުގައި ބަޔަކާ ދެކޮޅަށް ހިންގާ މިފަދަ އެންމެ ވަރުގަދަ ޖަރީމާއެވެ. މިލިއަނަކަށް ވުރެ މުސްލިމުން ގައިދީންގެ ގޮތުގައި ކޭމްޕުތަކުގައި ގެންގުޅޭއިރު، ވީގޫރު ދަރިފަސްކޮޅު ދެމި ހިނގައިދާނެ ކަމުގެ ބިރަށް، އަންހެނުންނަށް ދަރިން ނުލިބޭ ގޮތް ހަދާ ކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ.