ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިންތިޒާރު ކުރަމުން ދަނީ، ބަލިން ދިފާއުވާނެ ވެކްސިނަކަށެވެ. ބައެއް ގައުމުތަކުން މި ހުވަފެން ހަގީގަތަކަށް ހަދާ، ވެކްސިން އަތު ޖައްސާ، ވެކްސިން ބޭނުން ކުރަންވެސް ފަށައިފިއެވެ. އާންމު ގޮތެއްގައި 10 އަހަރުން ތަރައްގީ ކުރާ ވެކްސިން، ޒަމާނީ ޓެކްނޮލިޖީގެ އިންތިހާބީ ރޭހުގެ ތެރެއިން، އެންމެ 10 މަސް ދުވަހުގެ ތެރޭގައި ހަގީގަތަކަށް ހެދި ނަމަވެސް، މި ވެކްސިން ލިބޭނެ މީހުންގެ ލިސްޓުގައި ކުޑަކުދިންނެއް ނުހިމެނެއެވެ.

އެއީ ކީއްވެތޯ ކުރެވޭ ސުވާލުގެ ޖަވާބު ސަރީހަވެފައި ކުރެއެވެ. އެއީ ކޮވިޑް-19އަށް ތަރައްގީ ކުރި ވެކްސިން، އާންމުން އުސޫލުން އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރި އެއްވެސް ތަހުލީލެއްގައި ކުޑަކުދިން ބައިވެރިކޮށް، ވެކްސިންގެ އަޖުމަ ބަލާފައި ނުވުމުންނެވެ.

ތުއްތު ކުއްޖެއްގެ ފަޔަށް ވެކްސިން އިންޖެކްޓްކުރަނީ/ފޮޓޯ: ޔޫޓިއުބް

މިހެން ދެންނެވި ކަމުގައި ވީ ނަމަވެސް، ގާނޫނީ އިމުގެ ތެރެއިން ކުޑަކުދިން ކަމަށް ބަލާ 18 އަހަރުން ދަށުގެ ބައެއް ކުދިންނަށް ވެކްސިން ލިބިގަތުމުގެ ފުރުސަތު އެބައޮތެވެ. ވެކްސިންގެ ރޭހުގައި އެންމެ ކުރި ހޯދާ، ގިނަ ބައެއްގެ އުއްމީދު އާކޮށްދިން ފައިޒާއާއި ބައޮއެންޓެކުން ވަނީ ތަހުލީލުތަކުގައި 12 އަހަރުން މަތީގެ ކުދިން ބައިވެރި ކޮށްފައެވެ. އޮކްސްފޯޑުންވެސް ވަނީ 2 ވަނަ މަރުހަލާގެ ތަހުލީލުތަކުގައި އުމުރުން 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ބައިވެރިކޮށްފައެވެ. ނަމަވެސް، އާންމު އުސޫލުން ވެކްސިން ބެނުން ކުރުމުގެ ކުރިން ފުރިހަމަ ކުރާ ހުރިހާ މަރުހަލާއެއްގައި ކުޑަކުދިން ބައިވެރިކޮށްފައި ނެތުމުން، ކުޑަކުދިންނަށް ވެކްސިން ދެވެން އަދި ނެތީއެވެ.

ފައިޒާއާއި އޮކްސްފޯޑުން ވަނީ ދޮށީ އުމުރުގެ ކުޑަކުދިންގެ ތަހުލީލިތައް ފަށާފައެވެ. މޮޑާނާއިންވެސް ދަނީ 12 އަހަރުން މަތީގެ ކުދިންގެ ހަށިގަނޑަށް ވެކްސިނުން ކުރާ އަސަރު ތަހުލީލު ކުރަމުންނެވެ. އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދު 3000 އެއްހާ ވޮލަންޓިއަރުން މިކަމުގައި ބައިވެރިވާނެ ކަމަށް ހަބަރު ލިބެއެވެ.

ފުރަތަމަ ތަރައްގީ ކުރި ކޮވިޑް-19 ވެކްސިންގެ ތަހުލީލީ މަރުހަލާތައް ނިންމާލީ ރައްކާތެރިކަމާއެކު ކަން ރަޝިއާގެ ސޭޝެނޯފް ޔުނިވާސިޓީއިން ކަށަވަރުކޮށްދޭ/ފޮޓޯ: ސްޕަޓްނިކް ނިއުސް

ކުޑަކުދިންނަށް ވެކްސިނެއް ލިބޭނީ ކޮން އިރަކުން؟

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރިން، ކުޑަކުދިންނަށް ވެކްސިނެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

ކަން މިހެން އޮތް ނަމަވެސް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ އުމުރުން 16 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް ފެންނަ ކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުގައި ބޮޑެތި މީހުންނަށް ވެކްސިން ދެމުންދާއިރު، ކެނެޑާއިންވެސް ވަނީ މި އުމުރުފުރާއަށް ވެކްސިން ދިނުމަށް ނިންމާފައެވެ.

އަތްދޮންނަން ތިބި ކުދިންތަކެއް. ކޮވިޑް-19އިން ދުރުވާނެ ގޮތްތައް ކުޑަ ދަރިފުޅަށް ކިޔައިދިނުން ބުއްދިވެރި/ފޮޓޯ: ޔުނިސެފް

ކުޑަކުދިންނަށް ބޭނުންވާ ވެކްސިން ޑޯޒް އިތުރުވެދާނެތަ؟

މިހާތަނަށް އެންމެ ކާމިޔާބު ކަމަށް ބުނާ ކޮވިޑް ވެކްސިންތައް އެކުލެވިގެން ވަނީ މައިގަނޑު 2 ޑޯޒްއެއްގެ މައްޗަށެވެ. އުމުރުފރާގެ ސަބަބުން މިކަމަށް ބަދަލެއް އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، ކުޑަކުދިން ބައިވެރި ކޮށްގެން ވެކްސިން ތަހުލީލު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިކަމަށް ބަދަލު އައުން އެކަށީގެންވެއެވެ.

ވެކްސިންގެ 2 ވަނަ ޑޯޒްއަކީ "ބޫސްޓާ" ޝޮޓެކެވެ. އެންމެ ޑޯޒްއަކުން ފުރިހަމަ ދިފާއެއް ހާސިލު ނުވާތީއެވެ. މިއީ ހެޕަޓައިޓިސް ބީ، ހިމަ ބިހި، ކޯފުއްޕިއާއި ރުބެއްޔާ ފަދަ ބަލިތަކުން ދިފާއުވުމަށް މިހާރުވެސް ބޭނުން ކުރާ ވެކްސިންތަކުގައިވެސް މިކަން އޮތް ގޮތެވެ.

ކޮވިޑް-19 އަށް ބޭރުގައި ޕޮޒިޓިވް ވެފައިވާ ކުޑަ ކުއްޖެއް ކައިރީގައި ސިއްހީ އެހީތެރިއަކު / ފޮޓޯ: ސޯޝަލް މީޑިއާ

ކުޑަކުދިންނަށް ވެކްސިން ރައްކާތެރިތަ؟

ވެކްސިންތަކުގެ ތަހުލީލުތައް މިހާރު ކުރިއަށް ގޮސްފައި ވާ ގޮތަށް ބަލާއިރު، ވެކްސިންގެ ސަބަބުން ސީރިއަސް ސައިޑްއިފެކްޓެއް ކުރިމަތިވާތީ ރެކޯޑް ކޮށްފައެއް ނެތެވެ. ނަމަވެސް ކުޑަކުދިން ބައިވެރިކޮށްގެން ހިންގާ ތަހުލީލުތައް އަދި އޮތީ ވަރަށް ވެސް ޅަފަތުގެ މަރުހަލާއެއްގައި ކަން ފާހަގަ ކުރަންޖެހެއެވެ.

ކަން މިހެން އޮތް ނަމަވެސް، ފާހަގަ ކުރަން ޖެހޭ ކަމަކީ ކުޑަކުދިންނަކީ ބޮޑެތި މީހުންނަށް ވުރެ ދިފާއީ ނިޒާމު ވަރުގަދަ ބައެއް ކަމެވެ. ވެކްސިން ދިނުމުން ވަގުތީ ގޮތުން ކުރިމަތިވާ ސައިޑްއިފެކްޓަތައް ވަރުގަދަ ވުމުގެ ފުރުސަތު އެބައޮތެވެ. އާދައިގެ ވެކްސިނެއް ދިނުމުން އެއް ދުވަހަށް ނުވަތަ ދެ ދުވަހަކަށް ކުދިން ހުންނަ އަންނަ ކަމީ އާންމު ކަމެކެވެ. ނުވަތަ ވެކްސިން ޖެހިތަން ދުޅަވުން ފަދަ ކަމެއް ވުމުގެ ފުރުސަތު އޮވެދާނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާސްކު ބޭނުން ކުރާނެ ރަނގަޅު ގޮތް، ސޫރިޔާގެ ޑޮކްޓަރަކު ކުޑަ ކުއްޖަކަށް ކިޔައިދެނީ/ފޮޓޯ: އޭއެފްޕީ

ހަމައެކަނި ބޮޑެތި މީހުންނަށް ވެކްސިން ދީގެން ފަރުޖައްސާލެވިދާނެތަ؟

އަދު ހަމަޖެހިފައި އޮތީ ބޮޑެތި މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް މިއީ ދާއިމީ ހައްލަކަށް ނުވާނެއެވެ. ކުޑަކުދިންނަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް 2) ފަތުރާ ބައެކެވެ. އަދި އެ ވައިރަހަށް އިންފެކްޓްވެސް ވާ ބައެކެވެ.

އެހެން ކަމުން، ކުޑަކުދިންގެ ފަރާތުންވެސް ބަލިމަޑުކަން ފެތުރި ދިއުމުގެ ފުރުސަތު އޮތުމާއި، އެންމެ މީހަކުވެސް މި ވައިރަހަށް ހުށަހެޅިފައި ވަނިކޮށް މި ބަލިމަޑުކަމަށް ނިމުން ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާއިރު، ހަމަ އެކަނި ބޮޑެތި މީހުންނަށް ވެކްސިން ދީގެން ފަރުޖައްސާލެވޭކަށް ނެތެވެ.

ލޮކްޑައުނަށް ލުއި ދިނުން: ކުޑަކުދިންގެ ދެ ގަޑިއިރު / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މި ހުރިހާ ކަމަކަށް ރިއާޔަތް ކުރާއިރު، އަދިވެސް އޮތް އެންމެ ރައްކާތެރި ގޮތަކީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާއި، މާސްކު ބޭނުން ކުރުމާއި، ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް ގިނަ ގިނައިން އަތް ދޮވެ ހެދުމެވެ. ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ކިޔަމަންވެ، ވައިރަހަށް ފާރަވެރިވެ، ފަރުދީ ޒިންމާ އަދާ ކުރުމެވެ.