ދިވެހިރާއްޖެވެސް ހިމެނޭ ޑިވަލޮޕިންގް އޭޝިއާ ގުރޫޕުގެ އިގުތިސޯދީ ހީނަރުކަން މިއަހަރު އުޅޭނީ ކުރިން ހީކުރެވިފައިވާހާ ގޯސްކޮށް ނޫން ކަމަށް، އޭޝަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފިއެވެ.

ޑިވަލޮޕިންގް އޭޝިއާ ގުރޫޕުގެ ގައުމުތައް މިސްރާބު ޖަހާފައި ވަނީ ހީނަރުކަމާ ދިމާލަށް ކަމަށާ، ނަމަވެސް ޗައިނާގެ އިގުތިސޯދު ހަލުވި ދުވެއްޔެއްގައި ހެޔޮ ފާލަކަށް އެޅެމުން އަންނާތީ، ކުރިން ހީކުރެވިފައިވާހާ ބޮޑު ހީނަރު ކަމެއް ނާންނާނެ ކަމަށް އޭޑީބީއިން ލަފާކުރެއެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން 45 ގައުމެއް ހިމެނޭ ޑިވަލޮޕިންގް އޭޝިއާ ގުރޫޕުގެ އިގުތިސޯދު، މިއަހަރު 0.4 ޕަސެންޓަށް ދަށަށް ދާނެ ކަމަށް އޭޑީބީއިން ލަފާ ކުރެއެވެ. މީގެ ކުރިން މިއަދަދު އުޅޭނެ ކަމަށް ލަފާކޮށްފައި ވަނީ 0.7 ޕަސެންޓްގައެވެ.

މި ހީނަރުކަމަކީ ފާއިތުވީ 60 އެއްހާ އަހަރު ދުވަހުގެ ތެރޭގައި މިސަރަހައްދުގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ހީނަރުވެގެން އަންނަ ފުރަތަމަ ފަހަރެވެ.

އޭޑީބީއިން ވަނީ ކުރިއަށް އޮތް 2021 ވަނަ އަހަރު، މިސަރަހައްދުގެ އިގުތިސޯދު 6.8 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ.