ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، އިންސާނީ ހައްގުތަކުގެ މައިގަނޑު 2 އަސާސެއްގެ ހަގީގަތް ހާމަކޮށްދީފައި ވާ ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އެންމެ ފުރަތަމަ ހަގީގަތަކަށް ހާމަވެގެން ދިޔަ ކަމަކީ، އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ އެންމެނަށްވެސް އެކަމުގެ ނުރައްކާ އޮތް ކަމެއް ކަމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި، ނާޒުކު ގުރޫޕުތަކަށް އޮތް ނުރައްކާ ބޮޑުކަން އަންގައިދިންކަން ފާހަގަ ކުރައްވަމުން ގުޓެރޭޒް ވިދާޅުވީ އޭގެ ތެރޭގައި، ފްރަންޓްލައިންގެ ހިދުމަތްތެރިންނާއި، ނުކުޅެދޭ މީހުންނާއި، ދޮށީ އުމުރުމުގެ މީހުންގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންނާއި އާބަދީގެ ނިސްބަތުން ބައިމަދު ޖަމާއަތްތަކުގެ މީހުން ހިމެނޭ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ފެތުރިގެން ދިޔައީ އިންތިހާ ފަގީރު ކަމާއި، ހަމަހަމަކަން ގެއްލިފައިވުމާއި، ތަފާތުކުރުންތައް ބޮޑުވެފައިވުމާއި، ގުދުރަތީ ވެއްޓަށް ގެއްލުން ދެވުމާއި އެނޫންވެސް އިންސާނީ ހައްގުތަކެއް ފެއިލްވެފައި އޮތުމުން ކަމަށް ގުޓެރޭޒް ވަނީ އިޝާރާތް ކުރައްވާފައެވެ.

ހަމަ މިއާއެކު، ކޮވިޑް-19ގެ ބަލިމަޑުކަމަކީ އިންސާނީ ހައްގުތަކަށް އުނިކަން ގެނުވަނި ބަލިމަޑުކަމެއް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެގޮތުން ސެކިއުރިޓީ ވަރުގަދަ ކުރުމާއި، މީހުން ކޮންޓްރޯލް ކުރުމާއި، މީޑިއާގެ މިނިވަން ކަމަށް ހުރަސް ކުރިމަތިކުރުވުން ފަދަ ކަންތައްތަކަށް މަޖުބޫރު ކުރިވިކަން ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އިންސާނީ ހައްގުތަކުގެ އަސާސްތަކުގެ ތެރެއިން، ކޮވިޑް-19 ބަލިމަޑުކަން އަންގައިދިން 2 ވަނަ އަސާސަކީ، އިންސާނީ ހައްގުތަކަކީ ހުރިހާ އެންމެނަށްވެސް އޮތް ހައްގުތަކެއް ކަމަށާ، މި ހައްގުތަކަކީ އެންމެންގެ ހިމާޔަތުގައި އޮތް ހައްގުތަކެއް ކަން ގުޓެރޭޒް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އަށް ބިނާ ކުރަނިވި އިޖާބައެއް ފަރުމާ ކުރެވެން އޮތީ އެއްބައިވަންތަކަމާއެކު ގުޅުން ބަދަހި ކޮށްގެން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ. ބަލިމަޑުކަމުން އަރައިގަނެ، އާރާސްތު ކުރުމާ ދިމާލަށް މިސްރާބު ޖަހާއިރު އިސްކުރަންވީ އިންސާނުންނާއި އިންސާޏީ ހައްގުތައް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ "ރިކަވާ ބެޓާ – ސްޓޭންޑް އަޕް ފޮ ހިއުމަން ރައިޓްސް" މި ޝިއާރެވެ.