ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އެކި ކާރިސާތަކާ ކުރިމަތިލުމަށް އދއިން އެކުލަވާލާފައިވާ ސެންޓްރަލް އެމާޖެންސީ ރެސްޕޯންސް ފަންޑް (ސާފް) އަކީ، އިންސާނިއްޔަތުކަމުގައި ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ގުޓެރޭޒް މިހެން ވިދާޅުވީ، މަތީ ފެންވަރުގެ "ސާފް ޕްލެޖިންގް ކޮންފަރެންސް" ރޭގެ ވަގުތެއްގައި ފައްޓަވާ ދެއްވާ، ވާހަކަ ދައްކަވަމުންނެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، ވާޗުއަލް ޕްލެޓްފޯމެއްގައި ފެށި މި ބައްދަލުވުމުގައި ގުޓެރޭޒް ވިދާޅުވީ، ސާފް ފަންޑަކީ، ހަލުވި ދުވެލީގައި މަސައްކަތް ކުރާ، "ފްލެކްސިބަލް" ފަންޑެއް ކަމަށާ، ކުއްލި ނުރައްކަލުގެ ބައެއް ހާލަތްތަކުގައި ބޭނުން ކުރަން އޮތް ހަމައެކަނި ފަންޑަކީވެސް މިއީ ކަމަށެވެ.
ސާފްއަކީ، ޑޯނަރުން ނުލިބުމުގެ ސަބަބުން ހަނދާން ނެތިވެ ގޮސްފައިވާ ކާރިސާތަކާ ގުޅިގެން މާލީ އެހީ ފޯރުކޮށްދޭ ފަންޑެއް ކަން ފާހަގަ ކުރައްވާ، ގުޓެރޭޒް ވަނީ، މިއީ އދގެ މުޅި ނިޒާމު އެކަތިގަނޑަކަށް ހެދުމަށް މުހިންމު ވަސީލަތެއް ކަމަށް ސިފަކުރައްވާފައެވެ.
މި މޭރުމުން ގުޓެރޭޒް ވިދާޅުވީ، މި ހިނގާ 2020 ވަނަ އަހަރުވެސް، ހަނދާން ނެތިކޮށްލާފައިވާ 20 ކާރިސާއަކަށް 225 މިލިއަން ޑޮލަރު، ސާފް ފަންޑުން ހޭދަ ކޮށްފައި ވާ ކަމަށެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ، މޫސުނީ ނޭދެވޭ ބަދަލުތަކުގެ ކާރިސީ ހިރާހުގެ ސަބަބުން ހާލުގައި ޖެހިފައި ވާ ފަރާތްތަކެއްވެސް ތިއްބާ ކުރިމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއާއެކު، ނާޒުކު ފައްތަރަށް އިތުރު ފަށަލައެއް އިތުރުވި ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެހެންކަމުން، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ހާއްސަކޮށްގެން، 52 ގައުމަކަށް ސާފް ފަންޑުން މިލިއަން ޑޮލަރު މިއަހަރު ހޭދަ ކުރި ކަމަށްވެސް ގުޓެރޭޒް ވިދާޅުވިއެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފަންޑުން ކުރި އެންމެ ބޮޑު ހޭދަ ކަން ފާހަގަ ކުރަންޖެހެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ ވާހަކ ނިންމަވާލެއްވީ، ސާފް ފަންޑުގައި ކުރާ އިންވެސްޓްމަންޓަކީ، އިންސާނިއްޔަތު ކަމުގައި ކުރާ އިންވެސްޓްމަންޓެއް ކަމުގައި ސިފަ ކުރައްވަމުންނެވެ.
ސާފް ފަންޑު އުފެދިގެން އައީ 2016 ވަނަ އަހަރު އޮތް އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައެވެ. 1 ބިލިއަން ޑޮލަރުގެ އަގަކާއެކު އުފެއްދުމަށް ނިންމި މި ފަންޑަށް ބޭނުންވާ މާލީ އެހީއަކީ މެމްބަރު ގައުމުތަކާ ބައިވެރިން ފޯރުކޮށްދޭ އެހީއަށް ވާއިރު، ކޮންމެ ބަޔަކުވެސް ކުޑަ މިންވަރެއް ހަދިޔާ ކުރުމުން އަމާޒަށް ވާސިލުވެވޭނެ ކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.