އާންމު އިތުބާރު ގެއްލުވާލާ ހަގީގީ ބޭވަފާތެރި އަކީ، ކޮރަޕްޝަންގެ ނުބައިވެގެންވާ ޖިނާއީ ޖަރީމާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ ބަޔާނުގައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ކޮރަޕްޝަންގެ ނުބައި ކަން ވަކިން ބޮޑު ކަމަށް ވެސް ގުޓެރޭޒް ވިދާޅުވިއެވެ.

ކޮވިޑް-19އަށް ދިން އިޖާބަ ވެގެން ދިޔައީ ނާޖާއިޒު ފައިދާތަކެއް ނެގުމަށް މަގުފަހި ކުރުވި ކަމަކަށް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެގޮތުން ހާމަކަން ބޮޑު ދެފުށް ފެންނަ އުސޫލުތައް ނެތުމާއި، ރައްޔިތުންނަށް މާލީ އެހީ އެންމެ ބޭނުންވި ވަގުތު، އެ ރައްޔިތުންނާ ދުރަށް ފައިސާ "ފޮނުވާލުމަށް" ފުރުސަތު ފަހިކޮށްދިން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ކުރީގެ މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން

ޖެހިފައިވާ ބޭނުންތައް ފުއްދުމުގެ ނަމުގައި، ސަޕްލަޔަރުންނާ މެދު ފާރަވެރިވާން ޖެހޭ މިންވަރަށް ފާރަވެރި ނުވެ، އަވަސް ނިންމުންތައް ނިންމާ، އިންސާފުވެރި އަގުތަކެއްގައި ވިޔަފާރި ކުރުމުގެ އުސޫލުތަކުން ސަރުކާރުތައްވެސް އެއްކިބާވި ކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހަލާކުވެފައިވާ ސަމާނު ފޯރުކޮށްދިނުމުގައި ސަޕްލަޔަރުންތަކެއް އުޅުނު ކަން ގުޓެރޭޒް ފާހަގަ ކުރެއްވިއެވެ. އެގޮތުން ހަލާކުވެފައިވާ ވެންޓިލޭޓަރުތަކާއި، ދަށް ކޮލިޓީގެ ޓެސްޓު ކިޓާއި، "ފޭކު" ބޭސް ފޯރުކޮށްދިނުމުގެ ޖަރީމާވެސް ހިންގާފައި ވާ ކަން އދގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ބާޒާރުގައި އެންމެ ބޭނުން ޖެހިފައިވާ އުފެއްދުންތައް ކޮންޓްރޯލް ކުރަމުން އަންނަ ބައެއް ފަރާތްތަކުން އަގުތައް ކަނޑައެޅުމުގައި ގެންގުޅުނު އުސޫލުތަކުގެ ސަބަބުން، ފުރާނަ ސަލާމަތް ކުރަނިވި ފަރުވާތަކުންވެސް ބައެއް މީހުން މަހްރޫމު ވެފައި ވާ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

މިފަދަ ހުރިހާ ވައްކަމެއް ހުޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާ، ގަވައިދާ ހިލާފަށް ފައިސާ ދައުރު ކުރުވުމާ، ސިއްރިއްޔާތާއި ކޮރަޕްޝަންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމާ، ގައުމީ ފެންވަރުގައި ވަސީލަތްތައް ބޭނުން ކުރަމުންދާ ގޮތަށް ފާރަވެރި ވުމަށް ގުޓެރޭޒް ވަނީ މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ.

އިތުރަށް ފަސް ކުރުމެއް ނެތި ކަމާ ބެހޭ ފަރާތްތައް ޒިންމާޒާރު ކުރުވާ، ޖަވާބު ދާރީ ކުރުވާ، ދެފުށް ފެންނަ އުސޫލަކުން ކަންކަން ބައްޓަން ކުރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ގޮވާލައްވާފައެވެ.

ޒިންމާދާރު ކުރުވަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި ވިޔަފާރިތައްވެސް ހިމެނޭ ކަން ގުޓެރޭޒްގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ. ހަމަ މިއާއެކު މައުލޫމާތު ހޯދާ ލިބިގަތުމަށް އާންމުންނަށް ފަރުދީ ފެންވަރުގައި މިނިވަންކަން ލިބިދޭން ޖެހޭ ކަންވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ޓެކްނޮލޮޖީގެ ރޮނގުން ހާސިލުވެފައިވާ ކުރިއެރުންތަކަކީ ދެފުށް ފެންނަ އުސޫލު ފުޅާ ކުރުމަށް އެހީވެދޭނެ ކަމެއް ކަމަށާ، ސިއްހީ އާލާތްތައް ގަތުމުގައި އެކުލެވޭ ޕްރޮކިއުމަންޓްގެ މުއާލާމަތްތައް މި ބީދައިން ހިންގުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބާރު އަޅުއްވާފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާތަކަށް މިހާރަށްވުރެ ފުރިހަމަ އެއްބާރުލުމާއި ބާރުވެރިކަން ބޭނުންވާ ކަމަށްވެސް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.

ހުރިހާ ސަރަހައްދެއްގެ މީހުންނަށް ބެލި ކަމުގައި ވީ ނަމަވެސް، ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ މެދު މީހުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދި، އިތުބާރު ގެއްލެން މެދުވެރިވެފައިވާ އެންމެ ބޮޑު ސަބަބަކީވެސް ކޮރަޕްޝަން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކޮރަޕްޝަން ވެފައި ވަނީ ހެޔޮ ވެރިކަމަށް އެޅުނު ހިޔަންޏަކަށް ކަމަށް ވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މިއާއެކު، ކޮރަޕްޝަނާ ދެކޮޅަށް އދއިން އެކުލަވާލާފައިވާ މުއާހަދާގެ އިމުގެ ތެރެއިން އަމަލުތައް ބައްޓަން ކުރުމަށް ހުރިހާ ސަރުކާރުތަކާ ލީޑަރުންނަށް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.