ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ ރެކޯޑް އޮންނަ މައުންޓް އެވަރެސްޓް، އިތުރު 0.86 މީޓަރަށް އުފުލިފައި ވާ ކަމަށް ރަސްމީ ހިސާބުކިތާބުން ދައްކައިފިއެވެ.

މިއީ މައުންޓް އެވަރެސްޓްގެ އުސް މިނާއި މެދު ނޭޕާލްއާއި ޗައިނާއިން އެއްގަލަކަށް އެރި ފުރަތަމަ ފަހަރެވެ. އަދާ ޖެހެންދެން، މި ފަރުބަދައިގެ އުސް މިނާ މެދު ގައުމުތަކުގައި ހިޔާލު ތަފާތުވުންތައް އޮވެއެވެ. އެއީ ފަރުބަދައިގެ އެންމެ އުހުގައިވާ ސްނޯގެ ބައިތައް ގުނުމާއި ނުގުނުމާ މެދު އުފެދިފައިވާ ފަރަގެކެވެ.

އަލަށް އެއްބަސްވެވުނު ގޮތަށް ރިއާޔަތް ކުރާއިރު، މައުންޓް އެވަރެސްޓްގެ މިހާރުގެ އުސްމިނަކީ 8844.43 މީޓަރެވެ. މިއީ ނޭޕާލްއިން ޖަހަމުން އައި މިނަށް ވުރެ 4 މީޓަރު ކުރު މިންގަނޑެކެވެ.

މައުންޓް އެވަރެސްޓަށް އަރާ މިމޫސުމުގައި އަރާ މީހުންގެ އަދަދު އިތުރުވެ، އެސަރަހައްދު ތޮއްޖެހޭ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުން/ ފައިލް ފޮޓޯ: އޭއެފްޕީ ޕްރޮޖެކްޓް ޕޮސިބަލް

މައުންޓް އެވަރެސްޓް އުފެދިފައި އޮންނަނީ ޗައިނާއާއި ނޭޕާލް ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ކަމަށް ވާއިރު، މި ފަރުބަދަ އޮންނަނީ ދެ ގައުމުންވެސް އެ ފަރުބަދައަށ އެރޭ ގޮތަށެވެ.

ނޭޕާލްގެ ހާރިޖިއްޔާއާއި ޑިޕާޓްމަންޓް އޮފް ސާވޭއިން ބުނީ، މައުންޓް އެވަރެސްޓްގެ އާ އުސްމިނާ މެދު އެއް ގަލަކަށް އެރުމަށް ދެ ގައުމު ގުޅިގެން މަޝްވަރާތަކެއް ކުރި ކަމަށެވެ.

50-60 މިލިއަން އަހަރުވެފައި ވާ މައުންޓް އެވަރެސްޓުގެ އުސް މިނަށް، ކޮންމެ 100 އަހަރެއްގެ ތެރޭގައި ބައި މީޓަރެއްހާ ތަން އިތުރުވެއެވެ. މި ފަރުބަދަ އުފެދިފައި ވަނީ އިންޑިއަން ޕްލޭޓާއި ޔުރޭޝަން ޕްލޭޓް ޖެހި، މުޑިއެރުމުގެ ސަބަބުންނެވެ. ފަރުބަދައިގެ އެންމެ އުހުގައި ވަނީ ސްނޯގެ ގުބެއް ޒާތުގެ ތަނެކެވެ. އެ ތަނުގައި ކޮޅަށް ތިބެވޭނީ އެންމެ 6 ވަރަކަށް މީހުންނަށެވެ.

ފަރުބަދައިގެ އުސް މިން ބަލަނީ ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލަ އޮންނަ ހިސާބުން ފަށައިގެންނެވެ.