ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއާއި ނޭޕާލް ހިއްސާކުރާ ބޯޑަރު ސަރަހައްދުގެ 7 ޑިސްޓްރެކްޓެއްގައި، ޗައިނާއިން ގަވައިދާ ހިލާފަށް ބިން ހިސޯރުކޮށްފައިވާކަމަށް، ނޭޕާލްގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ސާވޭ ޑިޕާޓްމަންޓްއިން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

މި ރިޕޯޓް ބުނާ ގޮތުގައި ޗައިނާއިން ދަނީ ނޭޕާލްގެ ސަރަހައްދީ އިން ހުރަސްކޮށް، ޗައިނާގެ ނުފޫޒު އެ ސަރަހައްދަށް ފޯރުވާ، ފައިތިލަ ސާބިތު ކުރަމުންނެވެ. އެގޮތުން، ނޭޕާލް ތެރެއަށް ވާ ގޮތަށް އެކި ސަރަހައްދުތަކުގައި ޗައިނާއިން މަގުތައް އަޅާފައިވާ ކަމަށާ، ނޭޕާލްގެ އެތެރެވަރިއަށް ޗައިނާއިން ޖެހެމުން އަންނަ ކަމަށް މައުލުމާތު ލިބެއެވެ.

މިކަން މިހެން ހިނގަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ އޯލީގެ ސަރުކާރުން މި ކަމާ ގުޅިގެން މާ ބޮޑު ފިޔަވަޅެއް ނާޅާ އޮންނަނީ، ޗައިނާގެ މައި ސަރުކާރު ރުޅި އަތުވެދާނެ ކަމުގެ ބިރަށް ކަމަށް، ޗައިނާގެ ޒަމާންވީ ހަތުރުވެރި އަވަށްޓެރި، އިންޑިއާގެ މީޑިއާއިން ސިފަކުރެއެވެ. ނޭޕާލްއިންވަނީ ބިމުގެ މައްސަލާގައި ޗައިނާއާއިއެކު މަޝްވަރާތަކަށް ދިއުމަށް 2005 ވަނަ އަހަރާ، 2012 ވަނަ އަހަރުވެސް އިންކާރު ކޮށްފައެވެ.

ސާވޭ ޑިޕާޓްމަންޓްއިން އާންމުކުރި ރިޕޯޓަށް ބަލާއިރު، ނޭޕާލްގެ ބައެއް ސަރަހައްދުތަކުން، ގާތްގަނޑަކަށް 1500 އެއްހާ މީޓަރު އެތެރެއަށް ޗައިނާއިން ވަނީ ވަދެފައެވެ. މި ސަރަހައްދުތަކުގައި ނޭޕާލް މީހުން ވަޒަންވެރިވެގެން ދިރިއުޅެމުންދިޔަ ގެތައްވެސް މިހާރު ޗައިނާއަށް ނަގާފައިވާކަމަށް ޚަބަރު ލިބެއެވެ.