މުޅި މި ދުނިޔެއަށް އަލިކަން ގެނެސްދޭ އިރުގެ ހަރަކާތްތައް ހުންނަ ގޮތް ބަލާލަން ކިތަންމެ ބޭނުންވި ކަމުގައި ވީ ނަމަވެސް، ލޮލަށް ލިބިދާނެ ގެއްލުމަކަށް ބަލާ، އެ މަންޒަރު ހަމަލޮލުން ބެލުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. ޝައުގުން ފުރިގެންވި މި މާ ސިންގާ ތަރީގެ ހަރަކާތްތަކަކީ އާދަޔާ ހިލާފު ހަރަކާތްތަކެއް ކަން ކޮންމެ މީހަކުވެސް ގަބޫލު ކުރެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) މިހާރު ވަނީ، ފާއިތުވީ 20 އަހަރު، އިރުގެ ހަރަކާތްތައް ވީޑީއޯކޮށް، ޓައިމްލެޕްސެއްގެ ސިފާގައި އެ މަންޒަރުތައް ގެނެސްދީފައެވެ.

ފާއިތުވީ 20 އަހަރު އިރުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ވީޑިއޯގެ މަންޒަރެއް / ފޮޓޯ: ނާސާ

ނާސާއާއި ވިލާތުގެ ޖައްވީ އިދާރާ ގުޅިގެން ހިންގާ ސޯލާ އެންޑް ހީލިއޮސްފެރިކް އޮބްޒަވޭޓަރީ ސޯހޯ މަޝްރޫއަށް 25 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ނާސާއިން އާންމު ކުރި 50 މިނެޓްގެ ޓައިމްލެޕްސްގައި، ފާއިތުވީ 20 އަހަރު ދުވަހު، އިރު ބޮޑު ވަމުން އައި ގޮތް ދައްކުވާދެއެވެ.

މި ވީޑިއޯގައި ފެނިގެންދަނީ 1998 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދުގެ މަންޒަރުތަކެވެ.

އިރުން ބޭރުވެގެންދާ ސޯލާ ފްލެޔާތައްވެސް މި ވީޑިއޯއިން ފެނެއެވެ. މިހެން ބުނެލާއިރު، މިއީ މާ ބޮޑު ކަމަށް ނުވި ނަމަވެސް، މި ފްލެޔާތަކަކީ ދުނިޔޭގެ މޫސުމީ ހާލަތު ބައްޓަން ކުރުމާ ގުޅިފައިވާ ފްލެޔާތަކެކެވެ. ދުނިޔޭގެ ތަނޑިތަކުގެ އުޑުމަތިން ހިތްގައިމު ނަލަ ކުލަތައް އަރާ ފައިބަމުންދިއުމުގެ ފަހަތުގައިވެސް ވަނީ މި ފްލެޔާތަކެވެ. މި ފްލެޔާތަކުގެ ބާރު އާދަޔާ ހިލާފަށް ގަދަވެއްޖެ ނަމަ، ދުނިޔޭގައި މުއާސަލާތު ކުރުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތަށްވެސް ބުރޫ އަރާނެއެވެ.

https://www.youtube.com/watch?v=o-DHwNFDgOU&feature=youtu.be

ސޯހޯ މަޝްރޫއަކީ، އިރުގެ ދިރާސާތައް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.