ޗައިނާގެ އިސްތިގުލާލީ ދާއިރާއެއްގެ ގޮތުގައި އެ ގައުމުން ބަލަމުން އަންނަ ޓިބެޓްގައި ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުން ވެގެން ދިޔައީ އާރާއި ބާރާއި ނުފޫޒުގެ ގޮތުން ހުދުމުހުތާރު އުސޫލުތަކެއް ތަންފީޒު ކުރަމުން އަންނަ ޗައިނާ ޖެހިލުން ކުރުވި ކަމަކަށެވެ.

މައި ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގެ ބިރަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ޗައިނާއިން ފަތުރުވެރިކަމަށް ޓިބެޓް އަލުން ހުޅުވާލީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ކޮވިޑް-19ގެ އޮއެވަރު އެންމެ ގަދަވި ދުވަސްވަރުގައެވެ. ގައުމުތަކުން ބޯޑަރުތައް ބަންދު ކުރި ދުވަސްވަރުއެވެ. ޗައިނާގެ މި ނިންމުމުގެ ނަތީޖާ އެނގޭ ހެއްޔެވެ؟

ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓިބެޓްގެ ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ވަނީ ގެއްލިފަ / ފޮޓޯ: މަރީނާ ވެޕްޓަޒަރޯފާ

މިއަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފާއިތުވީ މުއްދަތަކަށް ބަލާއިރު ޓިބެޓަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.88 މިލިއަނަށް އަރައެވެ. ޓިބެޓްގެ ފަތުރުވެރިކަމުގެ ސިނާއީ ކުރިއެރުން މެކުހަށް ޖަހާފައި ވާ ކަމަށް ހުދު ޗައިނާއިންވެސް މިއަދު ގަބޫލު ކުރެއެވެ. ޓިބެޓް އަލުން ހުޅުވާލުމުގެ މަގުސަދަކީ ފަތުރުވެރިކަން ކުރިއެރުވުން ކަމަށް ހީވި ކަމުގައި ވީ ނަމަވެސް އެއީ ހަމައެކަނި މަގުސަދު ނޫން ކަމަށް ވަކާލާތު ކުރެވެއެވެ.

ޓައިވާން ޓައިމްސް އިން ރިޕޯޓް ކުރާ ގޮތުގައި، ސަރަހައްދީ ފެންވަރުގައި އުފެދި، އިތުރު ވަމުން އަންނަ ހަމަނުޖެހުންތަކާ، ސަލާމަތާ ގުޅުން ހުރި ކަންބޮޑުވުންތަކަކީ ވެސް މިކަމުގެ ފަހަތުގައި ވާ ސަބަބުތަކެކެވެ. ޓިބެޓް ސަރަހައްދުގެ އިގުތިސޯދު ކުރިއެރުވުމަކީ، އެ ސަރަހައްދުގައި ޗައިނާގެ މައި ސަރުކާރުގެ ވަކި ހިއްޕާލުމަށް ބޭނުން ކުރާ އުކުޅެކެވެ. ހުދުމުހުތާރު ސިޔާސަތުތައް ތަންފީޒު ކުރުވުމަށް ދައްކާ ހުއްޖަތެއް ކަމަށްވެސް ބުނެވެއެވެ.

ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ޓިބެޓްގައި ކުރާ މުޒާހަރާތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުމަކީ ޗައިނާއަށް ހަޖަމް ކުރެވޭ ކަމެއް ނޫން / ފޮޓޯ: އެސްސީއެމްޕީ

ސަރަހައްދީ ހަމަނުޖެހުންތަކުގެ ބިރަށް، ޓިބެޓްގައި ޗައިނާއިން އިންވެސްޓްމަންޓްތައް އިތުރު ކުރުމުގެ ނަތީޖާއަކަށް ވީ، ޓިބެޓްގެ އިގުތިސޯދު، ފަތުއަޑު ކިއާފައި ހިނގައިގަނެ، ކުރިއަރައިގެން ދިއުމެވެ. ޗައިނާގެ އިހުތިސޯސްގެ ތެރޭގައިވާ އިސްތިގުލާލީ އިގުތިސޯދުތަކުގެ ތެރެއިން މިއަދު އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ޓިބެޓްގެ އިގުތިސޯދެވެ. ޗައިނާގެ ގައުމީ އިގުތިސޯދީ ކުރިއެރުމުގެ ދުވެއްޔަށް ވުރެވެސް ހަލުވިކޮށެވެ.

ކަން މިހެން އޮތް ނަމަވެސް، މިއީ އަދި ބޮޑު މަންޒަރެއް ނޫނެވެ. އިގުތިސޯދީ ކުރިއެރުން ހާސިލުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ޗައިނާގެ ސަރަހައްދުތަކުގެ ތެރެއިން އިންސާނީ ތަރައްގީގެ ނިސްބަތް އެންމެ ދަށްކޮށް އޮތް ސަރަހައްދަކީ ޓިބެޓްއެވެ.

ޓިބެޓް ކޮންޓްރޯލް ކުރަމުން އަންނަނީ ޗައިނާގެ އިސްތިގުލާލީ ގައުމެއްގެ ގޮތުގައި / ފޮޓޯ: ސީޓީއޭ

ތަރައްގީގެ ނަމުގައި ޗައިނާގެ ސަރުކާރުން ޓިބެޓްގައި ތަންފީޒު ކުރަމުން އަންނަ ސިޔާސަތުތަކުގެ އަސަރު ފޯރަނީ އިންސާނީ ތަރައްގީއަށެވެ. ހިއުމަން ރައިޓްސް ވޮޗްއިން އާންމު ކުރި ރިޕޯޓަކަށް ބަލާއިރު، އާންމު ދަނޑުބިންތަކުގައި މަސައްކަތް ކުރަމުން ދިޔަ 600000 އެއްހާ މީހުން ރީލޮކޭޓްކުރީ، ސަރުކާރުން ތަރައްގީ ކުރި އަވަށްތަކުގައެވެ.

ދިރިއުޅުމުގެ އެތައް ކަމެއް ހުއްޓުވުމަކަށް ގެނުވާފައެވެ. އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކެއްވެސް ނެތް ހާލަތުގައި ރީލޮކޭޓް ކުރުމުގެ ނަތީޖާއަކަށް ވީ، އެތައް ބަޔަކަށް އަބުރުވެރި ދިރިއުޅުމެއް ގެއްލިގެން ދިއުމެވެ.

ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓިބެޓްގެ ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ވަނީ ގެއްލިފަ / ފޮޓޯ: ޗައިނާ ޕްލަސް

މިކަންކަމަށް ރިއާޔަތް ކުރާއިރު، ޗައިނާއިން ފަތުރުވެރިކަމަށް ޓިބެޓް އަލުން ހުޅުވާލުމުގެ ނަތީޖާ ސާފު ނޫން ހެއްޔެވެ. އެތައް ބައެއް ގުރުބާންކޮށްގެން ޗައިނާއަށް އަނެއްކާވެސް ބޮޑެތި ފައިދާތަކެއް ހާސިލުވުން ފިޔަވާ މިކަމުގައި އޮތީ ކޮން ކަމެއްހެއްޔެވެ؟ އިގުތިސޯދީ ކުރިއެރުންތަކެއް ހާސިލު ކުރެވުނު ކަމުގައި ވީ ނަމަވެސް، ކުރިއަރާ ދިއުމުގެ ޒާތީ ހައްގަށް އަރައިގަތުމުގެ ސިލްސިލާއަށް ޗައިނާއިން އަނެއްކާވެސް ބޮޅެއް އިތުރު ކުރީއެވެ!