މުޅި ދުނިޔެއަށް ކޮރަޕްޝަންގެ ވަބާ ފެތުރިފައިވާއިރު، މިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް، "އިނާމާއި އަދަބު"ގެ އާ ނިޒާމެއް ތައާރަފު ކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނު ރައްޔިތުންގެ ދަފުތަރު ޕޯޓަލް އެކުލަވާލުމަށް 2 އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތް ނިންމާލުމަށް އޮތް އިހުތިފާލުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ކޮރަޕްޓްވެފައިވާ ވެރިން، އެހެން އިދާރާއަކަށް ޓްރާންސްފާ ނުވަތަ ބަދަލު ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވަޒީފާއިން ވަކި ކުރެވޭނެ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ ލޯކަލް ގަވަމަންޓްތަކުން ކުރަމުން އަންނަ މަސައްކަތްތަކާ މެދުވެސް ހިތްޕުޅުހަމަޖެހިފައި ނުގަންނަވާ ކަމަށެވެ.

މި މޭރުމުން އިމްރާން ވިދާޅުވީ، އަވަށްތަކަށް ހާއްސަ ކޮށްފައި ވާ ފަންޑު، ސީދާ ކައުންސިލްތަކަށް ފޯރާނެ އާ ނިޒާމެވެސް ގާއިމު ކުރެވިގެންދާނެ ކަމަށޭވެ.

ޕާކިސްތާނަކީ ކޮރަޕްޝަންގެ ވަރުގަދަ ތުހުމަތުތަކެއް އަމާޒު ކުރެވޭ ގައުމެކެވެ. ނަމަވެސް މި ފަހަކަށް އައިސް ޕާކިސްތާނުން ދަނީ، އެ ގައުމަށް ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް ރިއާޔަތް ކުރުމަށް، ވަރުގަދަ ގާނޫނުތަކެއް އެކުލަވާލަމުން ކަންވެސް ފާހަގަ ކުރަންޖެހެއެވެ.