އޭނާގެ ލޯޔަރު ރަޑީ ޖޫލިއާނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައި ވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިކަން ހާމަ ކުރެއްވީ ޓްވީޓާގައެވެ.

ޖޫލިއާނީއަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ކުރިލިބިވަޑައިނުގެންނެވި މައްސަލާގައި ޓްރަމްޕްގެ ކެމްޕޭންގެ ފަރާތުން ވަކާލާތު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ އޮފިޝަލެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ގާނޫނީ ވަކީލު ރަޑީ ޖޫލިއާނީ/ފޮޓޯ: ވޯކްސް

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އުމުރުން 76 އަހަރުގެ ޖޫލިއާނީ ގެންގޮސްފައި ވަނީ، ވޮޝިންގްޓަން ޑީސީގައި ހުންނަ މެޑްސްޓާ ޖޯޖްޓައުން ޔުނިވާސިޓީ ހޮސްޕިޓަލަށެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ޖޫލިއާނީއަށް ބަލީގެ ސަބަބުން ކުރިމަތިވާ އަސަރުތަކާ ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ.

ޖޫލިއާނީގެ ފިރިހެން ދަރިފުޅު އެންޑްރޫ ޖޫލިއާނީއަކީވެސް ވައިޓްހައުސްގެ މުވައްޒަފެކެވެ. އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވީ މިދިޔަ މަހުއެވެ.

ޖޫލިއާނީއަކީ ޓްރަމްޕްގެ އެންމެ އަރިސް ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން ކޮވިޑް-19އަށް އެންމެ ފަހުން ޕޮޒިޓިވްވި މެމްބަރުވެސްމެއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިހާބީ ނާކާމިޔާބީއަށް ފަހު، ޖޫލިއާނީ ވަނީ އެމެރިކާގެ އެކި ހިސާބުތަކަށް ދަތުރު ކުރައްވާފައެވެ. މި ހަރަކާތްތަކުގައި ފޭސް މާސްކަކާ ނުލާވެސް ޖޫލިއާނީ ވަނީ ފެނިފައެވެ. އަދި ޖިސްމާނީ ގައިދުރުކަން ދަމަހައްޓަވާތީވެސް ނުފެނެއެވެ.